2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން އިން ހޯދި ކާމިޔާބީ މިފަހަރުގެ ވޯލްޑް ކަޕްގައި ތަކުރާރު ކުރާނެކަމަށް އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީގެ ކޯޗު ކަމާއި އަލަށް ހަވާލުވި ސްޕެއިންގެ ކޯޗު ޒާބީ އަލޮންސޯ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ޗެލްސީގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އަލޮންސޯ ބުނީ ސްޕެއިންގައި މިފަހަރު އޮތީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އަދި އެޓީމު މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާތަން ފެންނަ ކަމަށްވެސް އަލޮންސޯ ބުންޏެވެ. އަލޮންސޯ ބުނީ މީގެ ދެ އަހަރު ކުރިން އިންގްލަންޑް ބަލިކޮށް ޔޫރޯ ކާމިޔާބު ކުރި ސްޕެއިން ޓީމުން އޭނާ 2010 ވަނަ އަހަރު ކުޅުނު ޓީމާއި އެއްގޮތް ކަންތައްތަކެއް ފެންނަކަމަށެވެ. 2010 ވަނަ އަހަރު ސްޕެއިންއިން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު އަލޮންސޯއަކީ އެޓީމުގައި މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ. އެފަހަރުގެ މުބާރާތުގައި ސްޕެއިން އިން ކުޅުނު ހަތް މެޗުގައިވެސް އަލޮންސޯވަނީ އެޓީމުގެ ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅެފައެވެ.
އަލޮންސޯ ބުނީ އޭނާވަނީ ސްޕެއިން މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ހުރިހާ މެޗެއް ބަލާފައިކަމަށާއި އަދި މިޓީމާއި 2010 ވަނަ އަހަރުގެ ޓީމާއި ވަރަށް އެއްގޮތް ކަމަށެވެ. މިޓީމު މެޗުތައް ކޮންޓްރޯލް ކޮށް ދައްކަމުންދާ ކުޅުމުގެ ސަބަބުން ތައްޓަށް އުންމީދު ކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ސްޕެއިން މިރޭ ނިކުންނާނީ މުބާރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ބުނަމުންދާ ފަރަންސޭސިވިލާތާއި ދެކޮޅަށް ކުޅެފައެވެ. މިދެޓީމުގެ އެންމެ ފަހުން ޔޫރޯ 2024 އާއި 2025 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ބައްދަލުކުރި ދެމެޗުވެސް ކާމިޔާބު ކޮށްފައިވަނީ ސްޕެއިންއެވެ.