ޚަބަރު

އަމްދާނާއި އަޙްމަދު ޢަބްދުﷲ ނިއުރޭޑިއަންޓަށް


  • ގިނަ ދުވަސްތަކަކަށްފަހު މި ދެ ކުޅުންތެރިންނަށް ވެސް ޤައުމީ ސްކޮޑުން ވަނީ ފުރުސަތު ލިބިފައި

ދިވެހި ފުޓުބޯޅައިގެ އެކްޓިވް ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދުﷲ (ލިލީ) ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ގުޅެން ތައްޔާރުވެއްޖެއެވެ.

ބަދަލުތަކަކާއެކު ފަށާ 2026/2027 ފުޓުބޯޅަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ތަޖުރިބާކާރު ދެ ދިވެހި ޑިފެންޑަރުން ނިއު އިން ގެނައިއިރު، މި ދެ ކުޅުންތެރިންނަކީ މިފަހުން ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތަށް އެކުލަވާލި ޤައުމީ ޓީމުގެ ސްކޮޑުގައި ވެސް ހިމެނުނު ދެ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.

އަދި އަމްދާން ވަނީ، ހުރިހާ މެޗެއްގައިވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ.

މި ދެ ކުޅުންތެރިންވެސް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާ ކަމަށާއި އެހެނެންމަވެސް އަދި ރަސްމީ ކޮންޓްރެކްޓެއްގައި ދެ ކުޅުންތެރިން ސޮއިކޮށްފައި ނުވާކަމަށް "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިއުރޭޭޑިއަންޓުގެ މެނޭޖަރު ޒަހީން ވިދާޅުވިއެވެ.

މި މަހު 31 ގައި ފަށާ އާ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ގެނައި މި ދެ ކުޅުންތެރިންނަކީ މިދިޔަ މަހު އޮތް ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުގެ ދެ ކުޅުންތެރިންނެވެ.

މާޒިޔާ ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދި އަމްދާން ވަނީ، އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު އެނބުރި އައިސް މިދިޔަ ސީޒަނުގައި އޭނާ މޮޅު ކުޅުމެެއް ދައްކާފައިވާއިރު، ޤައުމީ ކޯޗު އިސްޓަވާން އުރުބާނީގެ ޓީމުގެ ފުރަތަމަ 11 ގައިވެސް ކޮންމެ މެޗެއްގައިވެސް އަމްދާން ހިމެނިފައިވެއެވެ.

އަންނަ ސީޒަނަށް އެންމެ ދުރާލާ ތައްޔާރުވާން ފެށި އެއް ޓީމުގެ ގޮތުގައި އޮތް ނިއުރޭޑިއަންޓުން ވަނީ އައު ސީޒަނަށް މިހާރު ފަރިތަކުރުންތައްވެސް ފަށައިފައެވެ. އެ ޓީމަށް ކޯޗުކޮށްދޭނީ މިދިޔަ ސީޒަނުގައި އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިން ސްޕެއިންގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް އެވެ. އޭނާ ފުރަތަމަ ހުރީ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ. ކޯޗުކަމާ ހަވާލުވީ އެ މަގާމުން އަލީ ސުޒޭން ވަކިވުމުންނެވެ.