ޚަބަރު

އެމެރިކާގެ މަރުކަޒުތަކަށް އިންޒާރާއެކު އީރާންގެ ވަރުގަދަ ހަމަލާތަކެއް


އީރާނަށް ޙަމަލާ ދިނުމަށް އެއްވެސް ޤައުމެއްގެ ވަސީލަތެއް ބޭނުންކުރުމުގެ ފުރުޞަތު އެމެރިކާއަށް ނުދިނުމަށް ސަރަޙައްދީ ޤައުމުތަކަށް އިންޒާރު ދިނުމަށްފަހު، އީރާނުން ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާއިން ބޭނުންކުރާ އަސްކަރީ މަރުކަޒުތަކަށް އަނެއްކާ ވެސް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އީރާންގެ ޚާރިޖީ ވުޒާރާއިން ބުނީ، އެ ޤައުމަށް ޙަމަލާ ދިނުމަށް ބޭނުންކުރާ ކޮންމެ ތަނަކަށް ރައްދުގައި ޙަމަލާ ދިނުމުގެ ޤާނޫނީ ޙައްޤު ތެހްރާނަށް ލިބިގެންވާ ކަމުގައެވެ. އަވައްޓެރި ޤައުމުތަކުގެ ބިމާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ފުރުޞަތު ބޭރުގެ ބާރަކަށް ނުދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން އެ ޤައުމުތަކުގެ ޒިންމާއެއް ކަމުގައި ވެސް އެ ވުޒާރާއިން ހަނދުމަކޮށްދިނެވެ.

އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދީފައިވާ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށެވެ. މީގެ ތެރެއިން، އުރުދުންގެ އަމީރު ޙަސަން ވައިގެ ބަނދަރަށް ދިން ޙަމަލާތަކުގައި ތެޔޮ ރައްކާކުރާ ގުދަންތަކާއި، ހަތިޔާރު ގުދަންތަކުގައި ވަނީ ރޯވެފައެވެ. މިއީ، އީރާނުގެ އައްސޭރިފަށުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން އެންމެ ފަހުން ދީފައިޥާ ޙަމަލާތަކަށް ރައްދު ދިނުމުގެ ފުރަތަމަ މަރުޙަލާ ކަމުގައި އައިއާރްޖީސީން އިންޒާރު ދިނެވެ.

ބަޙްރައިންގެ ޝައިޚް ޢީސާ ވައިގެ ބަނދަރަށާއި، ކުވަޔިތުގެ ދެ ވައިގެ ބަނދަރަކަށް ވެސް އައިއާރްޖީސީގެ ޙަމަލާތައް އަމާޒުކުރިއެވެ. މި އޮޕަރޭޝަންތަކުގައި ހެލިކޮޕްޓަރު މަރާމާތުކުރާ މަރުކަޒަކާއި، ޑްރޯން ކޮމާންޑް ސެންޓަރުތަކަށް ގެއްލުންތައް ލިބުނު ކަމުގައި އައިއާރްޖީސީން ބުނެއެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގައި ސަލާމަތަށް ނުރައްކާ ކުރި ކަމަށް ތުހުމަތުކުރެވޭ ދެ އުޅަނދަކަށް އީރާނުގެ ކަނޑުގެ ސިފައިން ވެސް ވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ.

އީރާންގެ ޚާރިޖީ ވުޒާރާއިން ވަނީ ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ދީފައިވާ ޙަމަލާތައް ކުށްވެރިކޮށްފައެވެ. އެމެރިކާގެ ޢަމަލުތަކަކީ އެކުވެރި ދައުލަތްތަކުގެ (އދ) ޗާޓަރާ ޚިލާފު ޖަރީމާއެއް ކަމަށާއި، ޢާންމު ދަތުރުފަތުރުގެ ބިނާރާއި ވަސީލަތްތަކަށް ޙަމަލާތައް އަމާޒުކޮށްގެން އެމެރިކާއިން "ހަނގުރާމައިގެ ޖަރީމާތައް" ހިންގަމުންދާ ކަމުގައި އެ ވުޒާރާއިން ތުހުމަތު ކުރިއެވެ. ހުރްމުޒް ކަނޑުއޮޅީގެ އިންތިޒާމުތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަތުމުގެ ސަބަބުން ބައިނަލްއަޤުވާމީ ވިޔަފާރީގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.