ޚަބަރު

އަސްކަރީ ޚިދުމަތަށް ނެރޭ ޔަހޫދީން ރިޒާވް ސިފައިން މަދުކުރަނީ


ޔަހޫދީންގެ ރިޒާވް ސިފައިންގެ ޢަދަދު ބޮޑުތަނުން މަދުކުރަން ފަށައިފިއެވެ. ރިޒާވް ސިފައިންގެ ޢަދަދު މަދުކުރަން ފަށާފައި މި ވަނީ ހަނގުރާމަތަކުގެ ސަބަބުން ޔަހޫދީންނަށް މާލީ ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ޚަބަރުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ޔަހޫދީންގެ ބައެއް ނޫސްތަކުގައި ބުނީ ސިފައިންގެ ޢަދަދު މަދުކުރަމުންދާ ކަމުން ދައްކުވައިދެނީ އެކި މައިދާންތަކުގައި ކުރަމުންދާ ހަނގުރާމަތައް މަޑުޖެހިފައިވާ ކަމެވެ. އެންމެ ފަހުގެ އޮޕަރޭޝަނަލް އެސެސްމަންޓުތަކާ އެއްގޮތްވާ ގޮތަށް ސިފައިންގެ ޢަދަދު މަދުކުރުމަށާއި، އަސްކަރީ ޚިދުމަތަށް ނިކުތުމަށް އަންގާ ރިޒާވް ސިފައިންގެ ޢަދަދު މަދުކުރުމަށް ނިންމާފައިވާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ރިޒާވް ސިފައިން އަސްކަރީ ޚިދުމަތަށް ނެރުމަށް ޔަހޫދީން ބޭނުންކުރަނީ އޯޑަރ 8 ކިޔާ ނިޒާމެކެވެ. އެ ނިޒާމުގެ ދަށުން ހަނގުރާމައިގެ ޙާލަތުގައި އާއި އެހެން ޤައުމީ އެމަޖެންސީތަކުގައި ސިފައިން ޚިދުމަތަށް ނެރެއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން އެ ނިޒާމުގެ ދަށުން ސިފައިން މަސައްކަތަށް ނެރޭ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

ޔަހޫދީ އަސްކަރިއްޔާއިން ބުނީ ސިފައިން މަދުކުރުމަށް ހަމަޖެހިފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި، ސިފައިން ޙަރަކާތްތެރިވާ ސަރަޙައްދުގެ މައްޗަށް ވެސް އެ ކަން ބަރޯސާވާ ކަމަށެވެ. އެ ގޮތުން ސިފައިން ބޭނުންވާ ޢަދަދު ޔަހޫދީން ދެނެގަންނަނީ ޚާއްޞަ އެސެސްމަންޓުތަކެއް ހަދައިގެންނެވެ.

ނޫސް ރިޕޯޓުތަކުގައި ބުނީ މިދިޔަ ހަފްތާގެ ތެރޭގައި ރިޒާވް ސިފައިންގެ ޔުނިޓުތަކަށް ސިފައިންގެ ޢަދަދު މަރުކުރަން ފަށާފައިވާ ކަން އަންގަން ފަށާފައިވާ ކަމަށެވެ. އަންނަ ހަފްތާއިން ފެށިގެން ސިފައިންގެ ޢަދަދު 50 އިންސައްތައަށް މަދުކުރާނެ ކަމަށް ވެސް ސިފައިންގެ ޔުނިޓުތަކަށް އަންގާފައިވެއެވެ.

ބެލެވޭ ގޮތުގައި މިހާރު ޚިދުމަތަށް ނެރެފައިވާ 60،000 ރިޒާވިސްޓުންގެ ޢަދަދު ކުރިއަށް އޮތް ތަނުގައި 50،000އަށް މަދުކުރާނެއެވެ.