ކުޅިވަރު

އިތުބާރު ލިބުނީ ބްރެޒިލް މެޗުން، މިހާރު ކޮންމެ ޓީމެއް ވެސް ބަލި ކުރެވިދާނެ: ނޯވޭ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިނގިރޭސީންނާ ދެކޮޅަށް ނުކުންނައިރު ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ ކަމުގެ އިތުބާރު ލިބިަފއިވާ ކަމަށް ނޯވޭ އިން ބުނެފި އެވެ.

ކޯޗު ސްޓޭލް ސޯލްބާކެން ބުނީ ގަދަ 16ގައި މަޝްހޫރު ބްރެޒިލް ބަލި ކުރެވުމަކީ މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ.

"މިހާރު އަހަރުމެންނަށް ކޮންމެ ޓީމެއް ވެސް ބަލި ކުރެވިދާނެ ކަމުގެ އިހުސާސް ކުރެވޭ. އެ އިތުބާރު ލިބުނީ ބްރެޒިލް މެޗުން. އިނގިރޭސި ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. އެ މީހުންނާ ދެކޮޅަށް ރޭވުންތެރިކަން އިސް ކުރަންވާނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ބްރެޒިލް އަތުން މޮޅުވި މެޗުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ފޯވަޑް އާލިން ހާލަންޑް ނަމަވެސް ނޯވޭނެ ކާމިޔާބީގެ ސަބަބަކީ މުޅި ޓީމު ގުޅިގެން ކުރާ މަސައްކަތް ކަމަށެވެ.

"ހާލަންޑް ތަފާތު ދައްކާ. އޭނާ އަކީ ދަނޑުމަތީގަ އާއި ދަނޑު ބޭރުގައި ވެސް ލީޑަރެއް. ދެން ތިބި ކުޅުންތެރިންނަށް ބަލާއިރު އޮޑެގާޑް ވެސް ވަނީ ލީޑަރޝިޕް ދައްކާފައި. އަހަރުމެން ޓީމުގައި އޭނާ ވަރަށް ބޮޑު ޒިންމާއެއް ވެސް އަދާ ކުރަން ޖެހޭ. އެއް ގޮތަކުން އޭނާ އަށް ފްރީ ރޯލެއް ވެސް ލިބޭ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ނޯވޭގެ ދަތުރު ފަތުރާއި މާހައުލު ބަދަލުވުމާއި އެ ނޫން ވެސް ގިނަ ކަންކަމާހުރެ ނޯވޭގެ މުޅި ޓީމަށް ތަފާތު ސިއްހީ އުނދަގޫތައް ކުރިމަތިވާ ވާހަކަ އަކީ ތެދެއް ކަމަށެވެ. ނަމަވެސް އޮޑެގާޑް ބަލިވެ އުޅޭ ވާހަކަ އޭނާ ދޮގު ކުރި އެވެ.

"މާޓިން އުޅެނީ ބަލިވެ. އެއީ ތެދެއް. އޭނާ ހުން އައިސްފައި ހުރީ. އެއީ އެޑެގާޑްގެ ވާހަކަ އެއް ނޫން. އެއީ އަހަރުމެންގެ ޑޮކްޓަރު. އޮޑެގާޑްގެ ބޭބެ މާޓިން އެއީ،" ކޯޗު ބުންޏެވެ.

ނޯވޭ ޓީމުގައި އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިން ތިބުމަކީ އެއް ގޮތަކުން އެޑްވާންޓޭޖެއް ކަމަށް ވެސް ކޯޗު ބުންޏެވެ.