ޚަބަރު

ފުރަތަމަ 6 މަސް: ފަތުރުވެރިކަމަށް 600އަށްވުރެ ގިނަ އެނދު އިތުރުވި


  • ފަތުރުވެރިކަމަށް 68,142 އެނދު ވަނީ ނެރެފައި

  • މިއީ 1,302 ފެސިލިޓީއަކުން ނެރެފައިވާ އެނދު

ފުރަތަމަ ހަމަސް ދުވަހު ފަތުރުވެރިކަމަށް 600އަށްވުރެ ގިނަ އެނދު އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއާއެކު، މިއަހަރުގެ މިހާތަނަަށް ފަތުރުވެރިންނަށް ޚިދުމަތްދޭން ނެރެފައިވާ އެނދުގެ އަދަދު މިވަނީ 68،000 އަށް އަރާފައެެވެ.

ފަތުުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް މުޅި ޖުމްލަ 68,142 އެނދު ވަނީ ނެރެފައެވެ. މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަަމަށް ނެރެފައިވަނީ ޖުމްލަ 67,475 އެނދެވެ. އެހެންކަމުން މިއީ 667 އެނދުގެ އިތުރުވުމެކެވެ.

ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު 68،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 45,115 އެނދާއި، ގެސްޓު ހައުސްތަކުގެ 16,858 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,515 އެނދުގެ އިތުރުން ހޮޓާތަކުގެ 2,654 އެނދެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 179 ރިސޯޓު، 934 ގެސްޓުހައުސް، 173 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,302 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކުވެސް ރާއްޖެއިން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް މިހާރު ދަނީ ކުރިއެރުން ލިބެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1,114,751 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 4.9 އިންސައްތަ ދަށް އަދަދެކެވެ.