އެމެރިކާއާއެކު ޞުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް އީރާނުން އެދިފައިވާ ކަމަށް ފަތުރަމުންދާ ޚަބަރުތައް ތެހްރާނުން ދޮގުކޮށްފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، މަޝްވަރާކުރަން އެދުމެއް ތެހްރާނުން ހުށަހަޅާފައި ނުވާނެ ކަމުގައެވެ. އަދި، ދެ ޤައުމުގެ މެދުގައި ސޮއިކޮށްފައިވާ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެއްޖެނަމަ، އީރާނުން ރައްދު ދޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އީރާނުގެ ސިޔާސަތު ބިނާވެފައި ވަނީ ދެ ފަރާތުގެ މެދުގައި ވެފައިވާ ވައުދުތަކުގެ މައްޗަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ބަޣާއީ ވިދާޅުވީ، އީރާނުން ޢަމަލުކުރަމުން ދަނީ ޒިންމާދާރުކަމާއެކު ކަމުގައެވެ. މި ގޮތުން، ޤަޠަރުގެ ވަފުދަކާ މަޝްހަދުގައި ބައްދަލުކޮށް، މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ވޮޝިންގޓަނުން އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމުގައި އޭނާ ތުހުމަތުކުރެއްވިއެވެ. މި ގޮތުން، އީރާނުގެ ތެޔޮ ވިއްކުމަށް ހުރަސްއެޅުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެއްބަސްވުމާ ޚިލާފު ޢަމަލުތަކެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބެލުމަށް އެދުމުގެ ޤާނޫނީ އެއްވެސް އަސާސެއް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހުގައި އީރާނުގެ ނިއުކްލިޔަރ މައްސަލަތަކާ ބެހޭގޮތުން ދާދިފަހުން ބޭއްވި ބައްދަލުވުމުން އެއްވެސް ނަތީޖާއެއް ނުކުމެފައި ނުވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި، އެއީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ހިންގި ޕްރޮޕަގެންޑާގެ ޢަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ޖުލައި 11 ވަނަ ދުވަހު ޢުމާނަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ޖޫން މަހުގެ މެދުތެރޭގައި ޕާކިސްތާނުން މެދުވެރިވެގެން އީރާނާއި އެމެރިކާއިން ވަނީ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި އުޅަނދުތަކަކަށް އީރާނުން ޙަމަލާދިން ކަމުގައި ތުހުމަތުކޮށް، އެމެރިކާއިން އަލުން އީރާނަށް ބޮންއަޅަން ފެށުމާއެކު ސަރަޙައްދީ ނުތަނަވަސްކަން އިތުރުވިއެވެ. އެމެރިކާއިން ދިން ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ހުސްވި ހަފުތާގައި އީރާނުން ވެސް ވަނީ ބަޙްރަޔިން، ކުވަޔިތު، ޤަޠަރު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދީފައެވެ.