އިންޑިއާއާއި ރާއްޖެއާއި ދެމެދު ކުރެވޭ މަޝްވަރާތަކާއެކު ދެޤައުމަށްވެސް ފައިދާކުރަނިވި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ އިންޑިއާގެ ވިޔަފާރިއާއި ބެހޭ ވަޒީރުގެ ދަޢުވަތަކަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓަރ، ޕިއުޝް ގޯޔަލްގެ ދަޢުވަތަކަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހިއްސާކުރެއްވި ޕޯސްޓެއްގައިވަނީ މިފަދަ ބައްދަލުވުންތަކުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އަދާހަމަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާކަމަށެވެ.
Concluded an official visit to India at the invitation of Hon. @PiyushGoyal, Minister of Commerce and Industry of India, with engagements also held with the leadership of @FollowCII and @ficci_india.
— Mohamed Saeed (@em_saeed) July 10, 2026
Bilateral discussions with Minister Goyal reviewed the progress of the India… pic.twitter.com/Muty00DRvv
އަދި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ އިތުރު ފުރުސަތުތަކާއި ޕްރައިވެޓް ސެކްޓަރގެ ގުޅުން އިތުރަށް ބަދަހިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެދުންރަ މޯދީގެ ވިސްނުންފުޅާއެއްގޮތަށް ކަންކަން ބައްޓަންކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދުކުރެވޭ މިފަދަ މަޝްވަރާތަކުގެ ސަބަބުން ދެޤައުމަށްވެސް ފައިދާކުރަނިވި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އައު އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ ޙަރަކާތްތަކާއެކު އިތުރަށް ކުރިއަރާނެކަމަށް ދެވަޒީރުން ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސްވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާއާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު މިހާރު ކުރިއަށްދަނީ މިއެއްބަސްވުން އެކުލަވާލުމުގެ ފަހުގެ މަރުޙަލާކަމަށް ސަރުކާރުން ވިދާޅުވެއެވެ.