ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒު ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ، ކުރަމުންނެވެ. އޭގެތެރެއިން އެއް ރަށަކީ، މުލަކަތޮޅު މުލަކެވެ.
މ. މުލަކު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 21ގައި ފެށި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
ޕީއެސްއެމްނިއުސްއާ ވާހަކަ ދައްކަވަމުން މުލަކު ކައުންސިލުގެ ރައީސް އަޙްމަދު ޖަމާލު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފަށްޓަވައިދިން މަޝްރޫޢުތަކުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އޭގެތެރެއިން މުލަކުގައި އަލަށް އިމާރާތް ކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި، މުލަކު ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކައުންސިލު ރައީސް ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ކައުންސިލު ރައީސް އަޙްމަދު ޖަމާލު ވިދާޅުވީ، މުޅި މަޝްރޫޢަށް ބަލާއިރު މިހާތަނަށް ކުޑަ އިންސައްތައެއްގެ މަސައްކަތް ނިމިފައިވީނަމަވެސް މަޝްރޫޢުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. ކައުންސިލު ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ސްޓްރަކްޗަރގެ މަސައްކަތްތައް ކަމަށެވެ.
"ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ 25 އިންސައްތަ މިހާރު ނިމިފައިވަނީ. މަސައްކަތް މިހާރުވެސް ނުހުއްޓި ކުރިއަށް އެބަދޭ. އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ސްޓްރަކްޗަރގެ މަސައްކަތްތައް". ޖަމާލު ވިދާޅުވިއެވެ.
ރާއްޖޭގައި ގޭންގް ހަދައިގެން ކުށްކުރުމުގެ މާހައުލު ނައްތާލުމާއި، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިން ކުށުގެ މާހައުލަށް ވަންނަމުންދާ ދިއުން ހުއްޓުވުމާއި، ޑްރަގުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދީގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުމާއެކު މިފަދަ މައްސަލަތަކަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ޒިޔާރަތުގައި ވަނީ، ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވަޢުދުތަކާއި އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.