މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދަނިކޮށް ވ. ފެލިދޫ ހުޅަނގު ކަނޑަށް ދިޔަވާންފެށި "ޖަޒީރާ" ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށް ފުލުހުންގެ އެހީތެރިކަމާއެކު ފުލިދުއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މުދާ އުފުލުމަށް މިހާރު ބޭނުންކުރާ "ޖަޒީރާ" ބޯޓު އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ 15:26 އެހާކަންހާއިރު ކަމަށެވެ. މިހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާކަމަށާއި މި ބޯޓުން ދަތުރުކުރި 3 ދިވެހިންނާއި 4 ބިދޭސީން ފުލުހުންގެ އެހީތެރިކަމާއެކު ފުލިދޫ އަށް ގެންގޮސްފައިވާއިރު، އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.
ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާއިރު، އެމްއެންޑީއެފުން ވަނީ ފެލިދޫގެ 5 ނޯޓިކަލް މޭލު ހުޅަނގުން އަޑިއަށްދާ އެބޯޓުގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށްކަމަށާއި އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވައި، ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ، ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހަނދުމަކޮށްދެއްވާފައެވެ.