ޚަބަރު

އެމެރިކާއިން ބޮންއަަޅައި އީރާނުގެ 14 މީހުން ޝަހީދުކޮށްލައިފި


އެމެރިކާއިން އީރާނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 14 މީހުން ޝަހީދުވެ 78 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ސަރުކާރުން ބުނީ ޖުލައި މަހުގެ 8ވަނަ ދުވަހާއި 9ވަނަ ދުވަހު އީރާނުގެ ފަސް ޕްރޮވިންސަކަށް ޔަހޫދީން ޙަމަލާ ދީފައިވާ ކަމަށެވެ. ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ތެރެއިން 47 މީހުން އެނދުމަތިކޮށްފައިވާ ކަމަށާއި، ބާކީ ތިބި މީހުން ފަރުވާ ދިނުމަށްފަހު ހަސްފަތާލުން މިހާރު ދޫކޮށްލާފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. ޝަހީދުވި މީހުންގެ ތެރެއިން ތިން މީހުން ޝަހީދުވެފައި ވަނީ އީރާންގެ އަހްވާޒް ސިޓީގައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އެ ޤައުމުން އީރާނަށް ދެމުންދާ ޙަމަލާތަކުގައި 170އަށްވުރެ ގިނަ އަސްކަރީ މަރުކަޒުތަކަށް ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޙަމަލާ ދީފައިވާ ކަމަށެވެ. އެ ގޮތުން އީރާނުގެ ވައިގެ ދިފާޢީ ނިޒާމުތަކަށާއި ޖާސޫސީ މަސައްކަތަށް ބޭނުންކުރާ ވަޞީލަތްތަކާއި މިސައިލްއާއި ޑްރޯން ބިނާރުގެ އިތުރުން ކަނޑުގެ ސިފައިންގެ މަޤާމުތަކާއި އީރާނުގެ އިންޤިލާބީ ފައުޖުގެ މަރުކަޒުތަކަށް ޙަމަލާތައް ދީފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ. އެ ޙަމަލާތައް ދެމުން ދަނީ ބައިނަލްއަޤްވާމީ ޝިޕިންގެ ދާއިރާއަށް އީރާނުން ކުރިމަގުގައި ދީފާނެ ޙަމަލާތައް ހުއްޓުވުމަށް ކަމަށް އެ ޤައުމުން ބުނެއެވެ.

އެމެރިކާއިން ދީފައިވާ ޙަމަލާތަކުގެ ތެރޭގައި އީރާންގެ ވެރިރަށް ތެހްރާންއާއި މަޝްހަދްއާ ދެމެދު އޮންނަ ރެއިލްވޭ ލައިންއަށް ދީފައިވާ ޙަމަލާއެއް ހިމެނެއެވެ. އެ ޙަމަލާ ދީފައި ވަނީ ޔަހޫދީން ޝަހީދުކޮށްލާފައިވާ އީރާނުގެ ކުރީގެ ރޫޙީ ވެރިޔާ، ޢަލީ ޚާމަނާއީގެ ޖަނާޒާ ފެށުމުގެ ގަޑިއިރުކޮޅެއް ކުރިންނެވެ. އެ ޙަމަލާއަށް ފަހު ރޭލު ދަތުރުތައް ވަނީ މެދުކެނޑިފައެވެ. ޙަމަލާގައި ގެއްލުން ލިބުނު ބައި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވީ އެންމެ އަވަހަކަށް އަލުން އެ މަގުން ދަތުރުތައް ފަށާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

އީރާނުގެ އުތުރުގައި އޮންނަ ގޮލިސްތާނު ޕްރޮވިންސުގައި ހުންނަ އަޤް ތެކެހް ޚާން ބުރިޖަށް ވެސް އެމެރިކާއިން ޙަމަލާ ދީފައިވެއެވެ. މި ޙަމަލާތަކަކީ އީރާންއާއި އެމެރިކާއިން އޭޕްރިލް މަހުގެ 8ވަނަ ދުވަހު ޢަމަލުކުރަން ފެށި ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުން ޤާއިމްކުރި ފަހުން އީރާނުގެ ދަތުރުފަތުރާބެހޭ ނިޒާމަކަށް އެމެރިކާއިން ދީފައިވާ ފުރަތަމަ ޙަމަލާއެވެ.