ޚަބަރު

ޝަކީލްގެ ތަސައްވުރަކީ ސިޔާސީ ޕާޓީތަކާ ގާތުން މަސައްކަތްކުރެއްވުން


  • ސިޔާސީ ޕާޓީތަކާ ބައްދަލުކޮށް ކަންބޮޑުވުންތައް އޮޅުންފިލުވަނީ

  • އީސީން ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ދެއްވި

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ކޮމިޝަނެއްގެ ގޮތުގައި މަސައްކަތްކުރުމަށް، ފުރަތަމަކަމަކީ އެ ކޮމިޝަނާއި ސިޔާސީ ޕާޓީތަކާއެކު ރަނގަޅު ގުޅުމެއް ޤާއިމްކުރުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ޝަކީލް ވަނީ އެ ކޮމިޝަނާމެދު ގެންގުޅުއްވާ ތަސައްވުރުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ. ސަރުކާރު ހިންގާ ޕާޓީގެ އިތުރުން، އިދިކޮޅު ފަރާތްތަކާއި ރަނގަޅު ގުޅުމެއް ބޭއްވުމަކީ އެ ކޮމިޝަންގެ މަސައްކަތްތަކާއި ނިންމުންތައް ރަނގަޅަށް ނިންމުމަށް މަގުފަހިވާނެކަމެއްކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.

ކޮމިޝަންގެ ރައީސްގެ ގޮތުގައި މަސައްކަތްކުރައްވާއިރު، ސިޔާސީ ޕާޓީތަކާއި ގުޅިގެން ރަނގަޅު ޑިމޮކްރެޓިކް ވެއްޓެއްގައި މަސައްކަތްކުރުމުގެ މަގު ފަހިވެގެންދިއުމަކީ ކުރައްވާ އުއްމީދެއްކަމަށް ޝަކީލް ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނަކީ ޤާނޫނުއަސާސީން މުހިންމު ޒިންމާތަކެއް އަދާކޮށްފައިވާ ތަނެއްކަމަށްވާއިރު، އެ ޒިންމާ އަދާކުރުމުގައި ފުރިހަމައަށް އިޚުލާސްތެރިވާނެކަމުގެ ޔަޤީންކަން ޝަކީލްވަނީ ދެއްވާފައެވެ. އަދި ސިޔާސީ ޕާޓީތަކާއި ގުޅުންހުރި ކަންކަމުގައި މަޝްވަރާގެ މަގު އިސްކުރައްވާ، ސިޔާސީ ޕާޓީތަކުގެ އަޑުއައްސަވާނެކަމަށް ފާހަގަކުރެއްވިއެވެ.

"ހުރިހާ ނިންމުމެއް އެއީ ޕާޓީތަކުގެ މަސްލަހަތު އޮންނަ ކަމެއް. ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް ކަންކަން ނިންމުމަށް ރަނގަޅު ގުޅުމެއް އޮތުން މުހިންމު." ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް ވިދާވިއެވެ.

އީސީގެ ޒިންމާއަދާކުރުމުގައި މުވައްޒަފުން އަދާކުރާ ދައުރު ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ކާމިޔާބުވަނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންކަމަށެވެ. މީގެއިތުރުން، ކޮމިޝަންގެ މަސައްކަތްތަކުގެ ދެފުށް ފެންނަކަން ޔަޤީންކުރުމަށް އިސްކަން ދެއްވާނެކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތުގެ ހައިސިއްޔަތުން ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާއި ރަނގަޅު ގުޅުމެއް ބޭއްވުމަކީ ސިޔާސީ މަޝްރަހުގެ މަސްލަހަތު ރަނގަޅުވެގެންދާނެކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، ހުރިހާ ޕާޓީތަކާވެސް ކަންކަމުގައި މަޝްވަރާކުރާނެކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި ވަކި ތާވަލެއް އެކުލަވާލައިގެން ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާނެކަން ޝަކީލް ފާހަގަކުރެއްވިއެވެ.

ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކަކީ މުޖުތަމައުގައި ޤަބޫލުކުރާ އަޙުލާގީ މިންގަނޑުތަކާއި އެއްގޮތް، އާއްމުން ބަލައިގަންނަފަދަ ހަރަކާތްތަކަށް ހެދުމަށް ޕާޓީތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ޝަކީލްވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ޝަކީލު އައްޔަންކުރައްވާފައި ވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. މީގެކުރިން، ޝަކީލް ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު އަދާކުރައްވާފައެވެ. 03 ޑިސެމްބަރު 2014 އިން ފެށިގެން 09 މޭ 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެމްބަރު 2013 އިން ފެށިގެން 03 ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލްވަނީ އަދާކުރައްވާފައެވެ.