ތުރުކީވިލާތުގެ ވެރިރަށް އަންކަރާގައި ބޭއްވި ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ)ގެ މަހާސިންތާއަކީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ރައީސް ރަޖަބް ޠައްޔިބް އަރްދޮޣާން ސިފަކުރައްވައިފިއެވެ. މިއީ، ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ތުރުކީވިލާތުގައި ނޭޓޯގެ މަހާސިންތާ ބޭއްވި ދެވަނަ ފަހަރެވެ. އަދި، އަންކަރާގައި މި ބައްދަލުވުން ބޭއްވުނު ފުރަތަމަ ފަހަރެވެ. ވިލާތާއި އުތުރު އެމެރިކާ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިމްތިޙާނަކާ ކުރިމަތިލާން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ބޭއްވުނު މި މަހާސިންތާއަކީ، ގުޅިފައިވާ މުސްތަޤުބަލު ބައްޓަންކުރުމަށް މަގުފަހިވާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވިއެވެ.
އެމެރިކާގައި އުފައްދާ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ތުރުކީވިލާތަށް ވިއްކުމާ ގުޅޭ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހެޔޮ ފާލެއް ލިބިފައިވާ ކަން ފާހަގަކުރައްވައި، އަރްދޮޣާން ވިދާޅުވީ އެއީ ހެޔޮ ވިސްނުމެއް ކަމުގައެވެ. އަދި، އަންކަރާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް މިހާރު އުވައިލާފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ތުރުކީވިލާތުގައި އުފައްދާ 'ކާން' މަރުކާގެ އަސްކަރީ މަތިންދާބޯޓަށް ބޭނުންވާ އިންޖީނު ވިއްކުމުގެ ކަންކަން އިންތިޒާމު ކުރެއްވުމަށް ޓްރަމްޕް ނިންމެވި ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. އެ ތަކެތި ގަތުމަށް ތުރުކީވިލާތުން 700 މިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރާނެއެވެ.
ޔޫކްރެއިން އަދި މެދުއިރުމަތީގެ ހަނގުރާމަތައް ނިންމުމަށް އަލުން ޚާރިޖީ މަސައްކަތްތައް ފެށުމަށް ވެސް އަރްދޮޣާން ގޮވައިލެއްވިއެވެ. ޢަދުލުވެރިކަމާއެކު ސުލްޙަ ޤާއިމުކުރެވުމަކީ ހުރިހާ ފަރާތަކަށް ވެސް ކާމިޔާބީއެއް ކަން ފާހަގަކުރައްވައި، އަރްދޮޣާން ވަނީ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ބާއްވާ ސުލްޙައިގެ މަޝްވަރާތައް ތުރުކީވިލާތުގައި އަލުން ފެށުމަށް ތައްޔާރަށް ހުންނެވި ކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން، އަރްދޮޣާން ވަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ކުށްވެރި ކުރައްވާފައެވެ. ސަރަޙައްދީ ސަލާމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ހުރްމުޒް ކަނޑުއޮޅި ހަނގުރާމައިގެ މައިދާނަކަށް ބަދަލުވިޔަ ނުދިނުމުގެ މުހިންމު ކަން އަރްދޮޣާން ތަކުރާރު ކުރެއްވިއެވެ. އަދި، އެ ސަރަޙައްދުގެ ހަމަޖެހުން ދެމެހެއްޓުމަށް ތުރުކީވިލާތުން އަބަދު ވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރްދޮޣާން ދެއްވިއެވެ.