ކުޅިވަރު

9 އަހަރަށްފަހު ކްރޮއޭޝިޔާގެ ކޯޗުކަމުން ޑަލިޗް ވަކިވެއްޖެ


  • ޑަލިޗް ވަނީ މީގެކުރިން ކްރޮއޭޝިޔާ ވަރލްޑް ކަޕް ފައިނަލަށް ގެންގޮސްދީފައި

9 އަހަރަށްފަހު ކްރޮއޭޝިޔާގެ ކޯޗުކަމުން ޑަލިޗް ވަކިވެއްޖެއެވެ. ކްރޮއޭޝިޔާ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗުކަމުން ޑަލިޗް ވަކިވީ މިހާރު ކުރިއަށްދާ ފީފާ ވަރލްޑްކަޕްގެ ގަދަ 32 ޓީމްގެ ބުރުގައި ޕޯޗްގަލް އަތުން ބަލިވެ މުބާރާތުން ކަޓާފައި ވަނިކޮށެވެ.

ޑަލިޗް ކްރޮއޭޝިޔާ ގައުމީ ޓީމާ ހަވާލުވީ 2017 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ކްރޮއޭޝިޔާ ވަނީ 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. އަދި 2022 ވަނަ އަހަރު މުބާރާތުގެ ތިންވަނަ ހޯދިއެވެ. އެކަމަކު 2024 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ނޮކްއައުޓް ބުރަށް ނުދެވުނެވެ. އޭގެފަހުން 2023 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ރަނަރަޕް ކަން ހޯދިއެވެ. ޑަލިޗް ގައުމީ ޓީމާ ވަކިވާން ނިންމިކަން އިއުލާނުކުރީ ކްރޮއޭޝިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުންނެވެ.

"
ގާތްގަނޑަކަށް ނުވަ އަހަރަށްފަހު ޑަލިޗް ވަނީ ކްރޮއޭޝިޔާ ގައުމީ ޓީމާއެކު ހޭދަކުރި ކާމިޔާބު ކޯޗިންގ ކެރިއަރުގެ ޗެޕްޓަރ ނިމުމަކަށް ގެންނަން ނިންމާފަ.
ކްރޮއޭޝިޔާ ފެޑެރޭޝަން

ފެޑެރޭޝަނުން ވަނީ އެގައުމުގެ ކާމިޔާބު ކޯޗު ހޯދައިދިން ކާމިޔާބީތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން އެއްބައިވަންތަ ކުރުމަށް ކުރި މަސައްކަތްތައްވެސް ވަނީ ފާހަގަކޮށްފައެވެ. މިފަހަރުގެ ވަރލްޑްކަޕްގައި ކްރޮއޭޝިޔާ ފުރަތަމަ މެޗުގައި 4-2 ން އިންގްލެންޑް އަތުން ބަލިވިޔަސް، ޕެނަމާ އާއި ގާނާ ބަލިކުރިއެވެ. އަދި ގަދަ 32 ޓީމްގެ ބުރުގައި ޕޯޗްގަލް އަތުން ބަލިވީ އިތުރު ވަގުތުގައި ގޮންކާލޯ ރާމޯސް ޖެހި ލަނޑުންނެވެ.

59 އަހަރުގެ ކޯޗު ޑަލިޗްގެ އިތުރުން ކެޕްޓަން ލުކަ މޮޑްރިޗް ވެސް ގައުމީ ޓީމާއެކު ހޭދަކުރި ކާމިޔާބު ކެރިއަރު ނިންމާލާނެ ކަމަށް ރިޕޯރޓްތައް ބުނެއެވެ. 40 އަހަރުގެ މޮޑްރިޗް ގައުމީ ޓީމާއެކު ފަހު މުބާރާތަކީ މިވަރލްޑް ކަޕް ކަމަށް ބެލެވެއެވެ.