ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ބޯޓުތަކަކަށް ދިން ޙަމަލާތަކެއްގެ ރައްދުގައި، އެމެރިކާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދިނުމާ ގުޅިގެން، ބަޙްރަޔިނާއި ކުވަޔިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ރައްދު ޙަމަލާތަކެއް ދީފައެވެ. އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނީ، ބަޙްރަޔިނުގެ ބަންދަރު ސަލްމާނާއި ކުވަޔިތުގެ ޢަލީ އަލް-ސާލިމް ވައިގެ ބަނދަރަށް އަމާޒުކޮށް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައިވާނެ ކަމަށާއި، އެމެރިކާގެ އެމްކިޔު-9 މަރުކާގެ އަސްކަރީ ޑްރޯނެއް ވެސް ވައްޓައިލާފައިވާނެ ކަމުގައެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) އީރާނުގެ ވައިގެ ދިފާޢީ ނިޒާމުތަކަށާއި އަސްކަރީ އުޅަނދުފަހަރަށް އަމާޒުކޮށް ދިން ވަރުގަދަ ޙަމަލާތަކުގެ އިތުރުން، އީރާނަށް ތެޔޮ ވިއްކުމުގެ ހުއްދަދޭ ލައިސަންސް ބާޠިލުކުރުމާ ގުޅިގެން ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ %3 އަށްވުރެ ބޮޑަށް މައްޗަށް އުފުލިފައެވެ. އެމެރިކާގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ މައި ތެޔޮ ބަނދަރު ކަމުގައިވާ ޚާރިޤު ޖަޒީރާގެ އިތުރުން ޤަޝަމު ޖަޒީރާ، ސިރީކް އަދި ބަންދަރު ޢައްބާސްގެ ބައެއް ސަރަޙައްދުތަކަށެވެ. އެ ޙަމަލާތަކުގައި މަސްވެރިން ބޭނުންކުރާ ބައެއް ބަނދަރުތަކަށް ގެއްލުންވެ މީހުންނަށް އަނިޔާވި ކަމުގައި ރިޕޯޓުތައް ބުނެއެވެ.
މި ނުތަނަވަސްކަމަކީ ހުސްވި މަހު ދެ ޤައުމުން ސޮއިކުރި ޙަމަލާތައް ހުއްޓައިލުމުގެ އިބުތިދާއީ އެއްބަސްވުމަށް ކުރިމަތިވި ބޮޑު ނުރައްކަލެކެވެ. ތެޔޮ އުފުލާ ބޯޓުފަހަރަށް ދީފައިވާ ޙަމަލާތަކުގެ ތުހުމަތު ތެހްރާނުން ދޮގުކުރި ނަމަވެސް، ދިޔާއެއްޗަކަށް ބަދަލުކޮށްފައިވާ ޤުދުރަތީ ގޭސް (އެލްއެންޖީ) އުފުލާ ޤަޠަރުގެ ބޯޓެއް ކަމުގައިވާ 'އަލް-ރަޤާޔާތު' އަށް ޑްރޯން ޙަމަލާއެއްދީފައި ވަނީ އީރާނުން ކަމުގައި ދަވްޙާއިން ތުހުމަތު ކުރެއެވެ. މީގެއިތުރުން، ޢުމާން ކައިރިން ދަތުރުކުރި ސަޢޫދީ ޢަރަބިއްޔާގެ 'ވަޔިދިޔާން' ގެ ނަންދީފައިވާ ތެޔޮ އުފުލާ ބޯޓަކަށް ވެސް މި ދަނޑިވަޅުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ކަނޑުގެ ސަލާމަތާ ބެހޭ މަޞްދަރުތަކުން ބުނެއެވެ.
އެމެރިކާއިން ސުލްޙައިގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައި އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް ތުހުމަތުކުރެއްވި އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އައު އެއްބަސްވުމަކަށް އެއްބަސް ނުވެއްޖެނަމަ ޢުދުވާނީ ޙަމަލާތައް އަލުން ފަށާނެ ކަމުގައި ވިދާޅުވެ އިންޒާރު ދެއްވާފައެވެ. ނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އެމެރިކާގެ ބިރުދެއްކުންތަކާއި އިންޒާރުތައް ކުރިއަށްދާނަމަ، ދާއިމީ ސުލްޙައިގެ އެއްބަސްވުމެއްގެ މަޝްވަރާތައް ފެށުމަށް އީރާނުން އިންކާރުކުރާނެ ކަމުގައެވެ.