ފީފާ ވޯލްޑް ކަޕް 2026ގެ ކުއާޓަރ ފައިނަލުގައި މޮރޮކޯއާ ދެކޮޅަށް ފްރާންސް ނުކުންނަ މެޗުގައި ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ ހުސް އާޖެންޓީނާގެ ރެފްރީންކަން ފީފާއިން އިއުލާނުކޮށްފިއެވެ.
ފީފާއިން ބުނެފައިވާ ގޮތުގައި، މިފަހަރުގެ މުބާރާތުގެ 97 ވަނަ މެޗު ކަމުގައިވާ މޮރޮކޯ އަދި ފްރާންސްގެ ކުރިމަތިލުން ފެނިގެންދާނެ މި މެޗަށް އިންސާފުކުރާނީ އާޖެންޓީނާގެ ރެފްރީން ކަމަށެވެ.
އެގޮތުން ފަސްޓް ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ފަކުންޑޯ ޓެޝޯއެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޓެޝޯ އަކީ 2022 ވަނަ އަހަރު ބޮކާ ޖޫނިއާސް އާއި ރޭސިންގް ކްލަބް ބައްދަލުކުރި މެޗުގައި 10 ރަތްކާޑު ދައްކައިގެން ގިނަބަޔަކު ހައިރާންކޮށްލި ރެފްރީއެކެވެ.
މީގެއިތުރުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މޮރޮކޯއިން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދި މެޗުގައި މޮރޮކޯގެ ފޯވާޑް، ވާލިދް ޗެދީރާއަށް ރެފްރީ ޓެޝޯ ދެއްކި ރަތްކާޑާ ގުޅިގެން މޮރޮކޯ ޓީމުގެވެސް އަދި ދާއިރާގެ ތަޖުރިބާކާރުންގެ ފާޑުކިޔުންވެސް އޭނާއަށް އަމާޒުވިއެވެ.
ޓެޝޯގެ އެހީތެރިންނަށް، އެސިސްޓަންޓް ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ ހުއާން ޕަބްލޯ ބެލާޓީއާއި ގެބްރިއަލް ޗޭޑްއެވެ. އަދި ހަތަރުވަނަ އޮފިޝަލެއްގެ ގޮތުގައި ޑާރިއޯ ހެރޭރާ ހަރަކާތްތެރިވާއިރު ރިޒާވް އެސިސްޓަންޓް ރެފްރީ އަކީ ކްރިސްޓިއަން ނަވާރޯއެވެ. މި ހުރިހާ ރެފްރީންނަކީވެސް އާޖެންޓީނާއަށް ނިސްބަތްވާ ރެފްރީންނެވެ.
ފްރާންސަކީ މިފަހަރުގެ ވޯލްޑް ކަޕުގައި ވެސް އާޖެންޓީނާއަށް ތަށި ދިފާއުކުރުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް ފުޓުބޯޅައިގެ މާހިރުން ބުނާއިރު، ފްރާންސް އިން މި މުބާރާތުގެ މިހާ މުހިންމު ހިސާބެއްގައި ކުޅޭ މެޗެއްގައި ހުރިހާ ރެފްރީން އާޖެންޓީނާއަށް ނިސްބަތްވުން މިއީ ފީފާއިން އާޖެންޓީނާއަށް ނުހައްގު މަންފާއެއް ހޯދައިދޭން ކުރި ކަމެއްގެ ގޮތުގައި ފްރާންސްގެ ބައެއް މީޑިއާތަކުން ވެސް އަންނަނީ ސިފަކުރަމުންނެވެ.
މުބާރާތުގެ ނޮކްއައުޓް މެޗެއްގައި، ޙާއްސަކޮށް ކުއާޓަރ ފައިނަލް ސްޓޭޖުން ފެށިގެން، އެއް ގައުމަކަށް ނިސްބަތްވާ ރެފްރީން، އެ ރެފްރީން ނިސްބަތްވާ ގައުމު މުބާރާތުގައި ދެމިއޮއްވާ ހަމަޖެއްސުން މިއީ އިންސާފުން ބޭރުން ކުރި ކަމެއްގެ ގޮތުގައި ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.