ޚަބަރު

ހުރްމުޒްގެ މައްސަލައިގައި އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާ ދީފި


ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާނުން ޙަމަލާ ދިން ކަމަށް ބުނެ އެމެރިކާއިން އަނެއްކާ ވެސަް އީރާނަށް އަމާޒުކޮށް ޙަމަލާތަކެއް ދީފިއެވެ. އެމެރިކާއިން އީރާނަށް ޙަމަލާ ދީފައި މި ވަނީ މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިދިޔަ މަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އިބްތިދާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި އެމެރިކާއިން ޙަމަލާ ދީފައި ވަނީ އީރާނުގެ ޤަޝްމުއާއި ސީރީކްގެ އިތުރުން ބަނދަރު ޢައްބާސް ކައިރީ ސަރަޙައްދުތަކަކަށެވެ. ޤަޝްމުއަކީ ހުރްމުޒް ކަނޑުއޮޅި އޮންނަ ސަރަޙައްދުގައި އޮންނަ އީރާނުގެ އެންމެ ބޮޑު ރަށެވެ. އެމެރިކާއިން ޙަމަލާ ދީފައިވާ ސަރަޙައްދުތަަކަކީ އީރާނުން ހުރްމުޒް ކަނޑުއޮޅިއަށް ބާރު ފޯރުވުމުގައި މުހިންމު ސަރަޙައްދުތަކެކެވެ.

އެމެރިކާއިން އީރާނުގެ ވައިގެ ދިފާޢީ ނިޒާމުތަކަށާއި އައްސޭރިފަށުގެ ސާވައިލެންސް ނިޒާމުތަކުގެ އިތުރުން މިސައިލްތަކާއި ޑްރޯން ލޯންޗުކުރާ މަރުކަޒުތަކަށް ޙަމަލާ ދީފައިވާ ކަމަށް ބެލެވެއެވެ. ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވެއެވެ.

އީރާންއާއި އެމެރިކާއާ ދެމެދު އިބްތިދާޢީ އެއްބަސްވުމުގައި ސޮއިކުރި ފަހުން ދެ ފަރާތުގެ ދެމެދުގައި ކޮންމެވެސް މިންވަރަކަށް ދަނީ ޙަމަލާ ބަދަލުކުރަމުންނެވެ. އެމެރިކާގެ އެންމެ ފަހުގެ ޙަމަލާތަކުުގެ ރައްދުގައި އީރާނުން މިހާތަނަށް ޙަމަލާއެއް ދީފައެއް ނުުވެއެވެ. ޙަމަލާ ދިންއިރު ޢިރާޤުގައި ހުންނެވި އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިއަން މިހާރު ވަނީ އެނބުރި އީރާނަށް ވަޑައިގެންފައެވެ.

ޙަމަލާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ އިބްތިދާޢީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ނިކުންނަ ނަތީޖާއަށް އެމެރިކާއިން ޒިންމާވާން ޖެހޭނެ ކަމަށެވެ. އެ އެއްބަސްވުމުގައި ވާގޮތުން އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމުގެ ބަދަލެއްގެ ގޮތުން އެމެރިކާއިން އީރާންގެ އުޅަނދުފަހަރު ލަފާފުރުމަށް ދަތިކުރަމުން ދިޔުން ނިމުމަކަށް ގެންނަން ޖެހެއެވެ. ޚަރިޖީ ވުޒާރާއިން ބުނީ ޤައުމުގެ މަސްލަހަތާއި ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށް އަޅަންެޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުން ދާނެ ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު، ކާޒިލް ޣަރިބަބާދީ ވިދާޅުވީ އެމެރިކާއިން އެއްބަސްވުމުގައި ހިމެނޭ ގިނަ މާއްދާތަކަކާ ޚިލާފުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޔަހޫދީން ތަކުރާރުކޮށް ލުބުނާނަށް ދެމުންދާ ޙަމަލާތައް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޖޫން މަހުގެ ފަހުކޮޅު އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީ، 60 ދުަވަހުގެ މުއްދަތަށް އީރާނުގައި އުފައްދާ ތެޔޮ ވިއްކުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަށް އީރާނުން ޙަމަލާ ދިނުމާ ގުޅިގެން، އެއްބަސްވުމުގައި ސޮއިކުރިތާ އެންމެ 20 ދުވަސް ފަހުން އެމެރިކާގެ މާލީ ވުޒާރާއިން މިހާރު ވަނީ އެ ޙުއްދަ ބާޠިލްކޮށްފައެވެ.