ޚަބަރު

ހުރްމުޒްއާ ގުޅޭގޮތުން ނޭޓޯއިން ގަލްފުގެ ޤައުމުތަކާ މަޝްވަރާކުރަނީ


ގިނަ ޤައުމުތަކަކުން އެކުވެގެން ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގައި ޙަރަކާތްތެރިވުމާ ގުޅޭގޮތުން ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ހުށަހެޅުންތަކެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ. ދެ ޤައުމުން މި ހުށަހެޅުންތައް ހުށަހަޅާނީ ހުޅަނގުގެ އަސްކަރީ ފައުޖު، ނޭޓޯއާއި ގަލްފުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެއްގައެވެ.

ތުރުކީވިލާތުގެ އަންކާރާގައި މިހާރު ކުރިއަށްދާ ނޭޓޯ ސަމިޓުގެ ހަވާސާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ބަޙްރައިންއާއި ކުވައިތާއި ޤަޠަރާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ނޭޓޯއާއި ގަލްފުގެ ޤައުމުތަކުގެ މެދުގައި މި ފަދަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި މި ވަނީ މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ޙައްލެއް ގެނައުމަށް އެމެރިކާއާއި އީރާނާ ދެމެދު އިބްތިދާޢީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، މުހިންމު ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ ގޮތުން ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ގިނަ ޤައުމުތަކެއްގެ މައްޗަށް އެކުލެވޭ ފައުޖަކުން ހުރްމުޒް ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުމަށް އީރާނުން ދެކޮޅުހަދާތީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ހުށަހެޅުންތަކުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ މައްސަލައަށް އިތުރު ކުރިއެރުމެއް ލިބިދާނެ ކަމަކަށް ނުބެލެވެއެވެ.

އިނގިރޭސިވިލާތުގެ ކަނޑުމަތީގެ ވިޔަފާރި ހިންގުމާބެހޭ އިދާރާ، ޔޫކޭއެމްޓީއޯއިން ބުނީ ޢުމާންގެ ލީމާގެ އިރުމަތިން ދަތުރުކުރި ޓޭންކަރަކަށް ޙަމަލާއެއް އަމާޒުވެފައިވާ ކަމަށެވެ. ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ވިޔަފާރި އުޅަނދަކަށް އީރާނުގެ އިންޤިލާބީ ފައުޖުން މިސައިލް ޙަމަލާ ދީޛައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މަކްސައިމް ޕްރިވޯ ވިދާޅުވީ މިދިޔަ ބަހާރު މޫސުމުގެ ތެރޭގައި ބަޙްރައިންއާއި ކުވައިތާއި ޤަޠަރާއި ޔޫއޭއީ ހިމެނޭހެން ގަލްފުގެ ޤައުމުތަކަށް އީރާނުގެ ސީދާ ޙަމަލާތައް އަމާޒުވެފައިވާ ކަމަށެވެ. މެކްސައިމް ވިދާޅުވީ ގަލްފުގެ ޤައުމުތަކުގެ ހަމަޖެހުމަކީ ނޭޓޯގެ ޤައުމުތަކުގެ ހަމަޖެހުމާ ވެސް ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ. ވިލާތުގެ ހަކަތައިގެ ދާއިރާއަށް ހުރްމުޒް ކަނޑުއޮޅި ކިތަންމެ މުހިންމުވި ނަމަވެސް މައްސަލައަކީ ހަމައެކަނި ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.