ޤައުމެއް ބިނާކޮށް އާރާސްތުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްބަޔަކީ ޤައުމުގެ ލިޔުންތެރިންނެވެ. ލިޔުންތެރިންނަކީ ކަންކަމުގެ ރަނގަޅު ގޮތް މުޖުތަމަޢަށް ކިޔައިދޭ މީހުންނެވެ.
ލިޔުންތެރިންނަކީ އެވޭލާ ޒަމާނުގައި ކަންކަން ކުރަމުންއައި ގޮތް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދޭ މީހުންނެވެ. ދިވެހީންގެ ޒަމާންވީ އާދަކާދައާއި ސަޤާފަތަށް އަހުލުވެރިކުރުވައި، އެ ކަންކަމަށް އަދުގެ ކިޔަވާ ކުދިން އަހުލުވެރިކުރުވާ ބަޔަކީވެސް ހަމަ ލިޔުންތެރިންނެވެ. ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 08ވަނަ ދުވަސް ފާހަގަކުރަނީ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ.
ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ޤައުމެއް ތަރައްޤީވެ ކުރިއަރާ ދިއުމުގައި އާންމު އަޚުލާގު ހިފެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ދައުރު އަގުވަޒަންކުރުމުގެ ގޮތުންނެވެ. އަދި ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި ލިޔުންތެރިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އައު ލިޔުންތެރިން އުފެއްދުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. ލިޔުންތެރިކަމަކީ ބަހެއް ދިރުވައި، މުޖުތަމަޢަށް ހޭލުންތެރިކަން ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތެވެ.
ލިޔުންތެރިކަމުގެ ސަބަބުން އެއް ޖީލުން އަނެއް ޖީލަށް އާދަކާދައާއި ސަޤާފަތް ފަދަ، ޤައުމިއްޔަތުގެ ބަހާތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުވައެވެ.
މިއަދަކީ ލިޔުންތެރިކަމަށް ޝުކުރުވެރިވުމުގެ އިތުރުން، ދިވެހި ބަހުގެ ރީތިކަމާއި، މުއްސަނދިކަން ފެނިގެންދާ ފަށުވި ލިޔުންތައް އުފެއްދުމަށް އަޅުގަނޑުމެން އެންމެން ހިތްވަރު ލިބިގަންނަންވީ ދުވަހެކެވެ.
ދިވެހި ލިޔުންތެރިކަމުގެ ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެއިން އެންމެ ގިނަ ދުވަސްވީ ލިޔުމެއް ފެނިފައިވަނީ މީލާދީން ނުވަވަނަ ޤަރުނުގެ ދުވަސްވަރެއްގައި ޕްރޯޓޯ- ނާގަރީ އަކުރަކުން ލިޔެފައިވާ ލިޔުމެކެވެ.
ލިޔުންތެރިންނަކީ ވަރަށް ނުފޫޒުގަދަ ބައެކެވެ. ޒިންމާ ވަރަށް ބޮޑު ބައެކެވެ. މިފަދަ ބޮޑު ޒިންމާއެއް ލިޔުންތެރިންނާ ހަވާލުވެފައި އޮންނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ލިޔުންތެރިންނަކީ ލިޔުންތައް ކިޔާ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދީ ކަންކަން ބަޔާންކޮށްދޭ މީހުންނަށްވާތީއެވެ.
ލިޔުންތެރިންނަކީ ހެޔޮ މަގު ކިޔައިދޭ ބަޔަކަށް ވާންޖެހެއެވެ. ކަމަކަށް ފާޑު ކިޔާނަމަ، އެކަމެއް އޮންނަންވީ ރަނގަޅުގޮތް ކިޔައިދޭންޖެހޭ ބަޔަކަށް ވާންޖެހެއެވެ.
މިއަދު ލިޔުންތެރިންގެ ދުވަހެއް ފާހަގަކުރާއިރު މިކަންކަމަށް ވިސްނާލުން މުހިންމެވެ. ކޮންމެ ލިޔުމަކީވެސް އެ ލިޔުމަކުން އެތައް ބަޔަކަށް ފިލާވަޅުތަކެއް ކިޔައިދޭނެ ލިޔުމެކެވެ. އެހެންކަމުން ކޮންމެ ލިޔުންތެރިޔަކުވެސް ވިސްނަންވީ ލިޔުންތައް ލިޔުމުގައި މުޖުތަމަޢުގެ އިސްލާހަށްޓަކައި މަސައްކަތްކުރާ ބަޔަކަށް ވުމަށެވެ.