ޚަބަރު

"އެއްވެސް ކުއްޖަކު ސްކޫލަށް ނުގޮސް ހުރުމަށް ދޫކޮށެއް ނުލާނެ"


  • ދަރިވަރުން ސްކޫލަށް ހާޒިރުނުވުމަކީ ހުރިހާ ފަރާތެއް ކަންބޮޑުވާން ޖެހޭ ކަމަށް

  • ކުރިން އޮންނަ އުސޫލުން ރިޕޯޓް ކުރަން ޖެހެނީ 3 ދުވަހު ހާޒިރުނުވާނަމަ

އެއްވެސް ކުއްޖަކު ސްކޫލަށް ނުގޮސް ހުންނަށް ދޫކޮށްނުލާނެ ކަމަށް ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވޒަީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ މިއީ ހުރިހާ ފަރާތްތަކުންވެސް ކަނބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ވަނީ ސްކޫލުތަކަށް ހާޒިރުނުވާ ދަރިވަރުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި، ދުވާލެއްގެ މައްޗަށް 8،000 އެއްހާ ދަރިވަރުން ސްކޫލަށް ނުދާ ކަމަށް ވިދާޅުވެފައެވެ. އަދި ސްކޫލަށް ނުދާ ކުދިންގެ ތެރެއިން 40 އިންސައްތަ ކުދިންނަކީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލުތަކަށް ނިސްބަތްވާ ކުދިން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރަކުން ދަރިވަރުން ސްކޫލަށް ނުދާކަމަށް މައްސަލައާއި ގުޅޭ ގޮތުން ތަޢުލީމީ ވަޒީރާ ސުވާލުކުރުމުން ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ ދަރިވަރުން ހާޒިރީ ބެލުމުގެ ކަންކަން ހަރުކަށިކޮށް ބަލަން ފެށީ 2013 ވަނަ އަހަހަރު ވެރިކަމަށް އައި ސަރުކާރުގެ ތެރެއިން ކަމަށެެވެ. ނަމަވެސް އޭގެ ފަހުން އައި ސަރުކާރުން އެ މަސައްކަތް ރަނގަޅަށް ނުބަލަހައްޓާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުން ސްކޫލަށް ދިއުމާއި ގުޅޭ، އެޓެންޑެންސް ޕޮލިސީއެއް ތަޢުލީމީ ވުޒާރާގައި އޮންނަކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕޮލިސީގައި ދަރިވަރުން ސްކޫލަށް ނުދާ މުއްދަތު ބަލާ ދިގު މުއްދަތަށާއި ކުރު މުއްދަތައް ސްކޫލަށް ނުދާނަމަ އެކަން ކަނޑައަޅާނެ އުސޫލްތަކެއް އޮވެއެވެ. ނަމަވެސް މިކަން އިތުރަށް ހަރުދަނާ ކުރުމަށް ތަޢުލީމީ ވުޒާރާއިން އެޅި ފިޔަވަޅުތަކުގެ ދަށުން މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ދަރިވަރުންގެ ހާޒިރީ ތަޢުލީމީ ވުޒާރާއާއި ހިއްސާ ކުރުން ވަނީ މަޖުބޫރުކޮށްފައެވެ.

"އެހެންވީމަ އެ ފޮނުވުމުގެ ތެރެއިން އަޅުގަނޑުމެންނަށް ދެނެގަނެވުނީ ފުދޭވަރަކަށް ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަމަށް. މެންބަރުންވެސް ބެލެނިވެރިންވެސް މުދައްރިސުންވެސް މުޅި ރަށުގެ ހުރިހާ ރައްޔިތުންވެސް ކަންބޮޑުވާން ޖެހޭ ކަމެއް. ސްކޫލަށް ކުއްޖަކު ނުދިއުމަކީ އޭގެ އަސަރު ޤައުމުގެ ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓަށް އޭގެ އަސަރު ކުރާނެ ކަމެއް." ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވި، ދަރިވަރަކު ސްކޫލަށް ނުދާނަމަ އެ ދަރިވަރުން ސްކޫލަށް ހާޒިރު ނުވަނީ ކީއްވެތޯ ބަލަން ޖެހޭނެ ކަމަށެވެ. ތަޢުލީމީ ވަޒީރު ވަނީ ސްކޫލަށް ދަރިވަރުން ނުދާކަން ފާހަގަވެފައިވަނީ ބަލި ހާލަތުގެ ގޮތުން ނޫންކަން ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން އެ ވުޒާރާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލް ހިއްސާކޮށްދެއްވާ ވަޒީރު ވަނީ، މިމައްސަލާގައި މާލޭ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސްކޫލަށް ދަރިވަރުން ހާޒިރު ނުވާނަމަ ފިޔަވަޅު އަޅަން އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ނުދިއުމަކީ ވެގެން ވާނެ ކަމެއް ނޫން. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކަމަށް ފިޔަވަޅު އަޅާނެ. މިދިޔަ ހަފްތާ ނޫން އޭގެ ކުރީ ހަފްތާގައި މާލެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކޮށް އަޅުގަނޑު ވާނީ ފިޔަވަޅު އެޅުމަށް އަންގާފަ. އެކަށީގެންވާ ފިޔަވަޅުތައް އަޅާ އެޑްރެސް ކުރަން ޖެހޭ. ސަރުކާރުން މަޖިލީހުގެ މެންބަރުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، ސްކޫލައް ކުއްޖަކު ނުގޮސް ހުރުމަށް ދޫކޮށެއް ނުލާނޭ." ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރިން އުސޫލު އޮންނަ ގޮތުން ސްކޫލަށް ދަރިވަރުން ހާޒިރު ނުވާނަމަ އުސޫލު އޮންނަނީ ވަކި 3 ދުވަސް ހަމަވުމުން ރިޕޯޓް ކުރާ ގޮތަށެވެ. ނަމަވެސް ތަޢުލީމީ ވުޒާރާއިން ގެނައި ބަދަލާއެކު ކޮންމެ ދުވަހަކުވެސް ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު ދުވަހަށް ވަޒަން ކުރަމުންދާނެއެވެ.