ޚަބަރު

މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް: ރޮނާލްޑޯ


  • ރޮނާލްޑޯ ވަނީ ޖުމްލަ 6 ވޯލްޑް ކަޕެއްގައި ކުޅެފައި

  • އެންމެ ގިނަ ވޯލްޑް ކަޕުގައި ލަނޑުޖެހި ކުޅުންތެރިއަކީ ރޮނާލްޑޯ

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ ކެރިއަރުގައި ކުޅޭނެ ފަހު ވޯލްޑް ކަޕް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިކަން އިއުލާނުކުރީ މުބާރާތުގެ ރައުންޑް އޮފް 16އަށް ޕޯޗުގަލް ދަތުރުކޮށްފައިވާއިރު، ރައުންޑް އޮފް 16 މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

ރޮނާލްޑޯ ބުނީ، ޔަގީނުންވެސް މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށާއި އެހެންނަމަވެސް ގައުމީ ޓީމުން ރިޓަޔާކުރަން ނިންމާ ނިންމުމަކީ އަމިއްލަ އަށް ނިންމާނެ ނިންމުމެއް ކަމަށާއި އެއީ ވަކި ބަޔަކު ބުނެގެން ކުރާނެކަމެއް ނޫންކަމަށެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ އޭނާގެ ފަހު ވޯލްޑް ކަޕުގައި ކުޅެމުން އަންނައިރު، މިފަހަރުގެ ވޯލްޑް ކަޕްގައި މިރޭ ގަދަ 16 ބުރުގައި ޕޯޗުގަލް އިން ސްޕެއިނާ ދެކޮޅަށް ނުކުންނާނެއެވެ.

ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެމުން ރޮނާލްޑޯ ބުނީ އޭނާ އަކީ މީގެ އަހަރުތަކެއް ކުރިން ހުރި ފެންވަރުގައި ހުރި ކުޅުންތެރިއެއް ނޫން ކަމަށް އެއްބަސްވާންޖެހޭ ކަމަށާއި އެހެންނަމަވެސް އޭނާ އަކީ އެހާ ދަށް ކުޅުމެއް ކުޅެމުން އަންނަ ކުޅުންތެރިއެއް ވެސް ނޫން ކަމަށެވެ.

ގައުމީ ޓީމަށް ކުޅެން ފެށިތާ 18 ވަރަކަށް އަހަރު ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި އަބަދުވެސް މަސައްކަތްކުރީ ޓީމުގެ ހައްގުގައި ކަމަށް ރޮނާލްޑޯ ބުންޏެވެ. އަދި، މެޗުތަކުގައި ކުުޅުނަސް އަދި ނުުކުޅުނަސް އޭނާގެ ބައިވެރިވުން ޕޯޗުގަލް ޓީމަށް ބޭނުންވާނެ ކަމަށް ރޮނާލްޑޯގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

އުމުރުން 41 އަހަރު ފުރިފައިވާއިރުވެސް އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭތީ ފާޑުކިޔަމުން އަންނަ ފަރާތްތަކުން، މިދިޔަ 23 އަހަރު ތެރޭގައި ވެސް މަސައްކަތްކުރީ އެކި ގޮތްގޮތަށް ވާހަކަ ދައްކައިގެން އޭނާގެ ހިތްމަރާލުމަށް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

އަދި، އޭނާގެ ފުޓްބޯޅަ ކެރިއަރާ މެދު ހުރިހާ ގޮތެއް ކަނޑައެޅޭނީ އޭނާ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުންކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ، އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫންކަމަށް ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ ޖާޒީގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ ވޯލްޑް ކަޕަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެފަހުން 2010، 2014 އަދި 2018 އާއި 2022 ވަނަ އަހަރުގައި ވެސް ކުޅެފައިވާ ރޮނާލްޑޯ ވަނީ، މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖެހި ލަނޑުތަކާއެކު، ފީފާ ވޯލްޑް ކަޕުގެ ހަ މުބާރާތެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ އެންމެފުރަތަމަ މެޗެއް ކުޅެދިނީ 2003 ވަނަ އަހަރުއެވެ. އެއީ ކަޒަކިސްތާނާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗެއްގައެވެ. ގައުމީ ޖާޒީގައި ރޮނާލްޑޯ ފުރަތަމަ ލަނޑުޖެހީ ޖެހިގެން އައި އަހަރުގެ ޔޫރޯ މުބާރާތުގައި ގްރީސްއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައެވެ.

ވޯލްޑް ކަޕުގައި ރޮނާލްޑޯގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 2006 ވަނަ އަހަރުގެ މުބާރާތުގައި އީރާނާ ދެކޮޅަށް ކުޅެ 0-2 އިން ޕޯޗުގަލް މޮޅުވި މެޗުގައެވެ. ފީފާ ވޯލްޑް ކަޕުތަކުގައި ރޮނާލްޑޯ ވަނީ ޖުމްލަ 11 ލަނޑު ކާމިޔާބުކޮށްފައެވެ.

މުބާރާތުގައި މިރޭ ސްޕެއިނާ ދެކޮޅަށް ޕޯޗުގަލް ކުޅޭއިރު 2018 ވަނަ އަހަރުގެ މުބާރާތުގައި ސްޕެއިނާއި ޕޯޗުގަލް ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކް ހަދާފައެވެ.