ނޭޕާލުގެ މެދުތެރޭ ސަރަޙައްދުގެ ކޯރެއްގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކުއްލިއަކަށް ފެންބޮޑުވެ، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ނޭޕާލްގެ އަސްކަރިއްޔާގެ ސަލާމަތީ ޓީމުތަކުން ފަށައިފިއެވެ.
މިގޮތުން، އަސްކަރީ ހެލިކޮޕްޓަރުތަކާއި ސިފައިން ވަނީ ކާބޯތަކެއްޗާއި އެހެނިހެން ބޭނުންވާ ތަކެތި ގެންގޮސްދީ، އެ ސަރަޙައްދުން އާންމުންނާއި ފަތުރުވެރިން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައެވެ.
މި ހާދިސާގައި މިހާތަނަށް 5 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ނޭޕާލްގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، ފެންބޮޑުވުމުގެ ކުރިން ދެވުނު އިންޒާރުގެ ސަބަބުން، ގިނަ މީހުންނަށް ވަގުތުން އުސް ސަރަޙައްދުތަކަށް ދެވުމުގެ ފުރުޞަތު ލިބި، ބޮޑެތި ގެއްލުންތަކުން ސަލާމަތްވެވުނެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއާ ގާތްގަނޑަކަށް 100 ކިލޯމީޓަރު ހުޅަނގުން އޮންނަ ގޯރްޚާ ސަރަހައްދުގެ ޗުމްނުބްރީ އަވަށުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާއެއްގެ ސަބަބުން، ބުޑީ ގަންޑަކީ ކޯރު ބަންޑުންވެ، ތިރި ސަރަޙައްދުތަކަށް ފެންބޮޑުވެފައިވާކަމަށް ވަނީ ބުނެފައެވެ.
މި ހާދިސާގައި ފަސް ބްރިޖާއި، ފެނުން ކަރަންޓު އުފައްދާ ތިން ކާރުޚާނާއެއްގެ މަސައްކަތް ހިނގަމުންދިޔަ ސައިޓުތަކުގެ އިތުރުން އެތައް ހާސް ގެއަކާއި ދަނޑުބިންތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ނޭޕާލްގެ ކާރިސާތަކާބެހޭ އިދާރާއިން ބުނީ، މިހާތަނަށް 9 ބިދޭސީން ހިމެނޭހެން 95 މީހަކު ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައި ކަމަށެވެ.
ފެންބޮޑުވި މި ސަރަޙައްދަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު ސަރަޙައްދެކެވެ. އަދި އޮކްޓޫބަރު މަހަކީ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ދުވަސްވަރެވެ. އެއްގަމު މަގުން ދެވެން ހުރި ސަރަޙައްދުތަކަށް ލޮރީތަކުގައި ކާބޯތަކެއްޗާއި، ފޭލިގެތަކާއި، ބޭހާއި އެހެނިހެން އެހީގެ ސަމާނު ގެންދިޔައިރު، އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކުން ސާމާނު ގެންދިޔައީ ފަރުބަދަމަތީގެ އެކަހެރި އަވަށްތަކަށެވެ. މީސް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަނީ އުސް ފަރުބަދަތަކުގެ ދެމެދުން ބާރަށް ދެމެމުންދިޔަ ކޯރުގެ ސަބަބުން ގެތަކާއި ޖިފުޓިތައް ދަމައިގަނެގެން ދާތަނެވެ. ފަރުބަދަމަތީ ސަރަޙައްދުގެ ކުދި އަވަށްތަކުގެ ތެރެއިން ގެއްލުން ލިބުނީ ކިތައް އަވަށަށް ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ، މިދިޔަ އޮގަސްޓު މަހު ގަނޑުފެން ފަރުބަދައެއްގެ ބައިތަކެއް ވެއްޓިގެން ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ޙާދިސާއެއްގައި 1,457 މީހުން މަރުވެ އަދިވެސް އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވަނިކޮށެވެ.
އަދި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް އޮކްޓޯބަރު 5 ގައި ނިންމާލައި، ޢުމްރާނީ ވަޞީލަތްތައް މަރާމާތުކުރުމުގެ މަސައްކަތް، ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހުގެ އޮފީހުން އިޢުލާނުކޮށްފައިވަނިކޮށެވެ.