އޮގަސްޓު މަހުން ފެށިގެން އޯޕެކް ޕްލަސްގެ ޤައުމުތަކުން ބާޒާރަށް ނެރޭ ތެލުގެ ނިސްބަތް އަނެއްކާ ވެސް އިތުރު ކުރުމަށް އެ ޤައުމުތަކުން އެއްބަސްވެއްޖެއެވެ. އޯޕެކް ޕްލަސްއިން މި ނިންމުން ނިންމާފައި މި ވަނީ ހުރްމުޒް ކަނޑުއޮޅި މަޑުމަޑުން ހުޅުވައިލަމުންދާތީ ތެލުގެ އަގުތައް ދަށަށް ދާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އޯޕެކް ޕްލަސްއިން ނެރުނު ބަޔާނެއްގައި ބުނީ އޮގަސްޓު މަހުން ފެށިގެން އޯޕެކްއިން ދުވާލަކު 188،000 ފީފާގެ ތެލަށް ކޯޓާ އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. ހުސްވި ޖޫން މަހަށާއި ހިނގަމުންދާ ޖުލައި މަހާ ގުޅޭ ގޮތުން ވެސް އޯޕެކްެ ޕްލަސްއިން އެ ފަދަ ނިންމުންތަކެއް ނިންމާފައިވެއެވެ.
އޯޕެކް ޕްލަސްގައި ޖުމްލަ 21 މެންބަރުން ހިމެނޭއިރު، މައި ހަތް ޤައުމުން ވަނީ ދުވާލަކު ގާތްގަނޑަކަށް 800،000 ފީފާއިން، އޭޕްރިލް މަހާއި ޖުލައި މަހާ ދެމެދު ބާޒާރަށް ނެރޭ ތެލުގެ ކޯޓާ އިތުރުކޮށްފައެވެ. ނަމަވެސް އެއީ ހަމައެކަނި ކަރުދާހުގައި ފެންނަން އޮތް އިތުރުވުމެކެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެ، ސަޢުދީ ޢަރަބިއްޔާއާއި ކުވައިތާއި ޢިރާޤު ހިމެނޭ ގޮތަށް އޯޕެކް ޕްލަސްގައި ހިމެނޭ ބައެއް މުހިއްމު ޤައުމުތަކަށް ތެޔޮ ބޭރު ކުރުމަށް ހުރަސް އެޅުނެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި އޯޕެކް ޕްލަސްއިން ތެޔޮ ބޭރުކުރާ މިންވަރު ވަނީ ދުވާލަކަށް 33.13 މިލިއަން ފީފާއަށް ދަށަށް ގޮސްފައެވެ. އޭގެ ކުރިން ފެބްރުއަރީ މަހުގެ ތެރޭގައި އެ ޢަދަދު ހުރީ 42.77 މިލިއަންގައެވެ. ނަމަވެސް ތެޔޮ އެކްސްޕޯޓު ކުރުމަށް އެމެރިކާއިން އެކުވެރި ޢަރަބި އިމާރާތާއި އޯޕެކް ޕްލަސްގެ އެހެން ޤައުމުތަކަށް އެހީތެރިވުމުގެ ސަބަބުން ޖޫން މަހުގެ ތެރޭގައި ކުރިއެރުން ވަނީ ލިބެން ފަށައިފައެވެ. ނަމަވެސް ހަނގުރާމައިގެ ކުރީގެ ޢަދަދުތަކާ އަޅާބަލައިނަމަ މިހާރުގެ ޢަދަދުތައް އަދިވެސް ހުރީ އެއަށްވުރެ ދަށް ކޮށެވެ.
ތެލުގެ ސަޕްލައިއަށް ބުރޫ އަރާފައި އޮތް ނަމަވެސް ތެލުގެ އަގުތައް މިހާރު ވަނީ ހަނގުރާމައިގެ ކުރީގެ އަގުތަކާ އެއްވަރަށް ދަށަށް ގޮސްފައެވެ. އޭގެ މައިގަނޑު ސަބަބަކީ ޗައިނާއިން ތެޔޮ އެތެރެކުރާ މިންވަރު ދަށަށް ދިޔުމާއި، މެދުއިރުމަތީގެ ޤައުމުތައް ނޫން އެހެން ޤައުމުތަކުން ތެޔޮ ބޭރުކުރާ މިންވަރު އިތުރުވުމެވެ. އޭގެ އިތުރުން އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއީއޭގެ ބެލުމުގެ ދަށުން މިއިން ޒަމާނަކު ބާޒާރަށް ނުނެރޭ މިންވަރަށް، ކުއްލި ޙާލަތްތަކަށް ރައްކާކޮށްފައިވާ ތެޔޮ ބާޒާރަށް ނެރި ޢާންމުންނަށް ފޯރުކޮށްދީފައިވެއެވެ.