މެޗުގެ ދެވަނަ ހާފް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެވެސް، ޓީސީ އަތުން މޮޅުވެގެން އޮޑި ސްޕޯރޓްސް ކްލަބުން ޔޫތް ޗެމްޕިއަންޝިޕް ތާވަ؛ްގެ ކުރިއަށް ޖެހިލައިފިއެވެ.
19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕްގައި އޮޑި ސްޕޯރޓްސް ކްލަބުން ޓީސީ ބަލިކުރީ 1-0 ނެވެ. ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ހާފް ނިމެނިކޮށް އޮޑީގެ އަލީ އައިހަމް އަށް ސީދާ ރަތްކާޑެއް ދެއްކުމުން ދެވަނަ ހާފް އެކީ އޮޑިން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. ރަތްކާޑް ދެއްކީ އައިހަމްއަށް ޓިސީ ކުޅުންތެރިއަކު ފައުލު ކުރުމުން ރެފްރީ ފައުލަށް ގޮއްވާފައި ވަނިކޮށްވެސް، ފައުލް ކުރި ކުޅުންތެރިޔާ ގައިގަ ކުޅުމުން ބޭރުން ޖެހުމުންނެވެ. އެކަމަކު އޭގެ ފައިދާ ޓީސީއަށް ނުނެގުނެވެ.
ދެވަނަ ހާފްގައި ނަތީޖާ ނެރުނީ އޮޑި ސްޕޯރޓްސް ކްލަބުންނެވެ. އޮޑިން ލަނޑު ޖެހީ އޭރިޔާ ތެރެއިން ޓީސީގެ ކީޕަރު ޝާހިދި ވިޝާލް އޮޑީގެ ކެޕްޓަން އަހުޒަމް ރަޝީދުއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީންނެވެ. ޕެނަލްޓީ ކާމިޔާބުކުރީވެސް އަހުޒަމް އެވެ. މިނަތީޖާއާއެކު އޮޑި ވަނީ ތިން މެޗުން 7 ޕޮއިންޓް ހޯދާ ލީގު ބުރުގެ ކުރީގައެވެ. ޓީސީ ކުޅުނު ތިން މެޗުންވެސް ބަލިވެ، ބާކީ ދެ މެޗު އޮއްވާ ފައިނަލުގެ ފުރުޞަތު ވަނީ ބަންދުވެފައެވެ. ފައިނަލަށް ދަތުރުކުރާނީ ހަ ޓީމް ވާދަކުރާ މުބާރާތުގެ ލީގު ބުރުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.
މުބާރާތުގައި މިރޭ ވާދަކުރާނީ ބުރު ސްޕޯރޓްސް ކްލަބާއި މާޒިޔާއެވެ. އަދި މާދަމާ ހަވީރު ވާދަކުރާނީ ނިއުރޭޑިއަންޓާއި ކެޔޮދޫ އެވެ.