ޕާޓީ ބަދަލު ކުރުމުން ވ.ތިނަދޫ ކައުންސިލްގެ ރައީސް، ޝުޖާއު ޢަލީ މަޤާމުން ވަކިކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވ.ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވުމަށްފަހު ދައުރު ފެށުނުފަހުން، ސުޖާޢު އިންތިޚާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މެއި މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައިވާކަން އެކޮމިޝަނުން ވަނީ އެލްޖީއޭއަށް އަންގާފައެވެ.
މިމައްސަލައިގައި ވަކިގޮތެއް އަންގަންދެން މަޤާމުން އެކަހެރިވުމަށް އެލްޖީއޭއިން ވަނީ، މިދިޔަ މަހުގެ 5 ވަނަ ދުވަހު އޭނާއަށް އަންގާފައެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު އެއިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުމުން ކައުންސިލްގެ މެމްބަރުކަމުގެ މަޤާމުން ވަކިވާނެ ކަމުގައިވަނީ ބަޔާންކޮށްފައެވެ.
މައްސަލަ އިތުރަށް ބެލުމަށްފަހު އެލްޖީއޭއިން މިހާރުވަނީ، ވ.ތިނަދޫ ކައުންސިލުގެ ރައީސްގެ މަޤާމުން ޝުޖާޢު ޢަލީ ވަކިވެފައިވާ ކަމަށާއި، އެމަޤާމު ހުސްވެފައިވާކަން ޢިއުލާންކޮށްފައެވެ.
ޝުޖާޢު އިންތިޚާބުވީ، ދަ ޑިމޮކްރެޓިކްސްގެ ޓިކެޓުގައެވެ. އިންތިޚާބުވުމަށްފަހު އޭނާވަނީ، އެމްޑީޕީއަށް ބަދަލުވެފައެވެ. ޝުޖާޢުގެ ގޮނޑި ގެއްލުމާއި ގުޅިގެން އޭނާ ވެފައިވަނީ، މިޤާނޫނުގެ ދަށުން ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލް މެމްބަރަށެވެ.