ޚަބަރު

ތިން މެޗުގައި 5 ލަނޑު ޖެހުމަކީ ކުޑަ ކަމެއްނޫން: ސޮލްބަކެން


  • ނޯވޭ މިމެޗު ކާމިޔާބު ކުރީ 2 ލަނޑު އެއް ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންދާ ނޯވޭ ޤައުމީ ޓީމުގެ ފޯވަޑް އާލިންގް ހާލަންޑް ނޯވޭ ކަހަލަ ކުޑަ ޤައުމަކަށް ކުޅޭ ކުޅުންތެރިޔަކު މުބާރާތުގެ ތިން މެޗުގައި ފަސް ލަނޑު ޖެހުމަކީ ކުޑަ ކަމެއް ނޫންކަަމަށް އެޓީމުގެ ކޯޗު ސްޓާލް ސޮލްބަކެން ބުނެފިއެވެ.

އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ލަނޑު ޖެހުން ތެރިޔާކަމަށް ގަބޫލް ކުރާ ކަމަށާއި އޭނާ އެހެން އެއްވެސް ކުޅުންތެރިޔަކާއި ބަދަލު ނުކުރާނެކަމަށް ނޯވޭގެ ކޯޗު ވަނީ ބުނެފައެވެ. އަދި މިއީ ހާލަންޑްވެސް އުންމީދު ކޮށްގެން ހުރި ކަމެއް ނޫންކަމުގައި އޭނާ ބުންޏެވެ. އަދި އެހެން އެއްވެސް ކުޅުންތެރިޔަކާއި ހާލަންޑް ބަދަލު ނުކުރާނެކަމަށް ނޯވޭގެ ކޯޗު ބުންޏެވެ.

ސޮލްބަކެން މިހެން ބުނެފައިވަނީ ވޯލްޑް ކަޕްގެ 32 ޓީމުގެ ބުރުގައި ކޯޓެޑިއުއަރ އާއި ބައްދަލުކޮށް 2 ލަނޑު އެއް ލަނޑުން ނޯވޭ މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

އޭނާ ބުނީ ހާލަނޑަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ލަނޑު ޖެހުން ތެރިޔާ ކަމާމެދު އޭނާއަށް އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ކޯޓެޑިއުއަރ އާއި ބައްދަލުކުރި މެޗުގައި ހާލަންޑް މާބޮޑަށް ކުޅުމުގެ ތެރެއިން ފެނިގެން ނުދިޔަ ނަމަވެސް އޭނާ މިވަނީ މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އަދި ނޯވޭ ޓީމުގައި ހާލަންޑް ހުރުމުން މުޅި ޓީމަށް ހަމަޖެހުން ގެނެސްދޭ ކަމަށާއި ނަމަވެސް ކުރީގައި ބޯޅަ ހިފެހެއްޓުމާއި ގުޅޭގޮތުން މީހުން އޭނާ އާއި ދެކޭ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

ސޮލްބަކެން ބުނީ މިމެޗުގައި އޭޭނާއަށް ލިބުނު ފުރުސަތު މަދުވި ނަމަވެސް އޭނާ އެއްވެސް ފުރުސަތެއް ގެއްލުވާލާފައިނުވާކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކޯޓެޑިއުއަރގެ ކޯޗު އެމަރސް ފާއޭ ބުނީ މެޗުގެ އެހާ ފަހު ވަގުތު ކޮޅު ބައިކޮޅަށް ލަނޑެއް ވަދެގެން ބަލިވުމުން ދެރަވާކަމަށެވެ. އަދި މިމެޗުގައި އޭނާގެ ކުޅުންތެރިން އެކުޅުންތެރިންނަށް ކުޅެވުނު އެންމެ ރަނގަޅަށް ކުޅުނު ކަމަށާއި އެހެން ކަމުން މިގޮތަށް ބަލިވުމުން ވީ ދެރަ ބޮޑުވި ކަމަށެވެ.

ފާއޭ ބުނީ މިމުބާރާތުގެ ސަބަބުން ކޯޓެޑިއުއަރ ޓީމު ކުރިއަށްވުރެ ރަނގަޅުވެގެން ހިނގައްޖެ ކަމަށާއި ނަމަވެސް މިކަހަލަ ޕްރެޝަރު ބޮޑު މެޗު ތަކުގައި ކުޅުމުގެ ތަޖްރިބާ އިތުރު ކުރަން ޖެހޭ ކަމަށެވެ.

އޭނާ ބުނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށްފަހު މެޗު ނިމެން ފަސް ވަރަކަށް މިނެޓަށް ވުމުން ބައިކޮޅަށް ލަނޑެއް ވަނަ ނުދީ އިތުރު ވަގުތާއި ހަމައަށް ހިފަހައްޓާލަން ވިސްނަން ވާނެ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ކުޅުންތެރިން ބޮޑަަށް މަސައްކަތް ކުރީ އިތުރު ލަނޑެއް އެވަގުތު ކޮޅުގެ ތެރޭގައި ޖެހޭތޯ ކަމަށެވެ. އަދި ނޯވޭ ކަހަލަ ޓީމަކަށް ފަޅި ފުރުސަތެއް ލިބުނަސް އެފުރުސަތުގެ ބޭނުން ހިފާނެ ކަމަށާއި މިމެޗުގައި ފެނިގެން އެދިޔައީ އެތަން ކަމަށެވެ.