މިވަގުތުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ޤައުމީ އެއަރލައިންގެ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ ވަރަށް ފަސިންޖަރުން ނެތުން ކަމަށެވެ.
މިހާރުވެސް ރާއްޖޭގައި ޓިކެޓުގެ އަގު ހުރީ ހިންގުމުގެ ޚަރަދަށްވުރެ ބޮޑުކޮށް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މެދުއިރުމަތީގެ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤުވާމީ އުދުހުންތަކުގެ އަގުތައް ބޮޑުވިނަމަވެސް، ރާއްޖޭގައި ޓިކެޓް އަގުބޮޑުކޮށްފައިނުވަނީ އާއްމުންނަށް އެކަމުން ދިމާވާ އުދަނގޫތައް ކުޑަކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ތެލުގެ އަގުބޮޑުވީމަ މުޅި ދުނިޔޭގެ އެއަރލައިންތަކުގައި ގާތްގަނޑަކަށް 30 ނޫނީ 40 ޕަސެންޓުގައި ޓިކެޓް ފެއަރ ބޮޑުވި. އެކަމަކު އަޅުގަނޑުމެން ސަރުކާރުން ރައީސް ނިންމެވި ނިންމެވުންތަކާ ގުޅިގެން ޚަރަދުތައް އެހެން ގޮތްގޮތަށް މެނޭޖްކޮށްގެން ހުރި އަގުތަކުގައި މިއަދާ ހިސާބަށްވެސް ހިފަހައްޓަމުން މިއައީ." އަމީން ވިދާޅުވިއެވެ.
އެތެރޭގެ ދަތުރުތަކަށް ރާއްޖޭގައި ބޭނުންކުރާ އޭޓީއާރު މަތިންދާބޯޓުތައް އޮޕަރޭޓްކުރަން ބޮޑު ޚަރަދެއް ކުރަން ޖެހެއެވެ. މި ބޯޓުތަކަކީ، ބައިނަލްއަޤުވާމީ ގޮތުން ބަލާއިރު ރައްކާތެރިކަން ބޮޑު، ފެންވަރު ރަނގަޅު ބޯޓުތަކަކަށް ވުމާއިއެކު މި ބޯޓުތަައް ބޭނުންކުރަނީ ކަސްޓަމަރުންނަށް ވީހާވެސް ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކައެވެ.