2014ވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލުނު މެލޭޝިޔަން އެއާލައިންސްގެ އެމްއެޗް-370 މަތިންދާބޯޓު ހޯދުމަށް އޯޝަން އިންފިނިޓީ ކިޔާ ކުންފުންޏަކާ އެކު މެލޭޝިޔާއިން ހެދި އެއްބަސްވުން އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމައިފިއެވެ.
ކުއަލަ ލަމްޕޫރުން ޗައިނާގެ ބެއިޖިންގއަށް ދަތުރުކުރި ބޮއިންގ-777 މަރުކާގެ އެމްއެމްއެޗް-370 ދަތުރުކުރަމުން ދިޔައީ 227 ފަސިންޖަރުންނާއި 12 ފަޅުވެރިން ގޮވައިގެންނެވެ. އެ މަތިންދާބޯޓު ވީނުވީއެއް ނޭނގި ގެއްލުމުން އެ އުޅަނދު ހޯދުމަށް އެކި ފަހަރު މަތިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.
އޯޝަން އިންފިނިޓީއިން ވެސް އެމްއެޗް370 ހޯދުމަށް 2014ވަަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ހަމައަށް މަސައްކަތް ކޮށްފައިވެއެވެ. އެއަށްފަހު މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ މަރިންދާބޯޓު ހޯދުމަށް 15،000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ބެލުމަށް މެލޭޝިޔާގެ ސަރުކާރާއެކު އައު އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މެލޭޝިޔާއިން އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހޭނީ ބޯޓު ހޯދިއްޖެނަމަ އެކަންޏެވެ. އެއީ 70 މިލިއަން އެމެރިކާ ޑޮލަރެވެ.
އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހާ ހަމައަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް މެލޭޝިޔާގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެއެވެ. އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުމުން ދައްކުވައިދެނީ އެމްއެޗް370 ހޯދުމަށާއި މަތިންދާބޯޓުގައި ދަތުރުކުރި މީހުންގެ ޢާއިލާތަކުގެ ހިތަށް ތަސައްލީއެއް ހޯދައިދިނުމަށް މެލޭޝިޔާގެ ސަރުކާރުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތް ކަމަށް ދަތުރުފަތުރާބެހޭ ވަޒީރު، އެންތޮނީ ލޯކް ވިދާޅުވިއެވެ. ކުރިއަށް އޮތް އެއްް އަހަރު ދުވަހުގެ ތެރޭގައި މިހާތަނަށް ބެލިފައި ނުވާ 7،428.54 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އޯޝަން އިންފިނިޓީއިން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.