ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ 32 ޓީމުގެ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާގެ މައްޗަށް ކެނެޑާއިން ހޯދި ކާމިޔާބީގެ ހަނދާންތައް އެޤައުމުގައި ގިނަ ދުވަސް ތަކެއް ވަންދެން ހުންނާނެ ކަމުގައި އެޓީމުގެ ކޯޗު ޖެސީ މާޝް ބުނެފިއެވެ.
މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މާޝް ބުނީ މިއީ ކެނެޑާގެ ފުޓުބޯޅައިގެ ތާރީޚުގައި ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބީއެއްކަމަށާ މިމެޗުގެ ހަންދާންތައް ގިނަ ދުވަސް ތަކަކަށް ހުންނާނެ ކަމަށެވެ. މާޝް ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވަރުގަދަ އަދި އެހާމެ ޑިސިޕްލިން ކުޅުމެއް ކަމަށެވެ. އަދި މިމެޗުގައި ކެނެޑާއިން އިދިކޮޅު ޓީމަށް މާގިނަ ފުރުސަތު ތަކެއް ނުދޭ ކަމަށާއި ދެކުނު އެފްރިކާއިން ވަގުތު ބޭކާރު ކުރެވޭތޯ މަސައްކަތް ކުރަމުންދިޔައިރުވެސް އޭނާގެ ކުޅުންތެރިން ފެނިގެންދިޔައީ ހާސްނުވެ ހަމަޖެހިގެން ކުޅެމުންދިޔަ ތަން ކަންކަމަށެވެ. އަދި މިމެޗުގައި ކެނެޑާއިން މޮޅުވި ލަނޑު ޖެހުނު ވަގުތާއެކު މިކާމިޔާބީ އިތުރަށް ހާއްސަ ވެގެންދާކަމަށެވެ.
މާޝް ބުނީ މިލަނޑު ޖެހުމަށް ސްޓެފަން އެސްޓާކިއޯއަށް ވުރެ ވަކި ގާބިލް ކުޅުންތެރިއެއް ނެތް ކަމަށެވެ. އެހެން ކަމުން މިތާރީހީ ލަނޑު ޖެހުމުގެ އުފާ އޭނާއަށް ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމުގައި ކެނެޑާގެ ކޯޗު ފާހަގަ ކުރިއެވެ. މާޝް ބުނީ މިފަހަރުގެ މުބާރާތުގައި އޭނާގެ ލަނޑު ދަނޑިއަކަށް ވެފައިވީ ޓީމަށް ހިތްވަރު ދިނުމުގެ އިތުރަށް މިޓީމު މުބާރާތުގެ ރަނގަޅު ހިސާބަކަށް ގެންގޮސްދީ މުބާރާތުގެ ވަރުގަދަ ޓީމަކާއި ކުރިމަތިލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ. މިގޮތުން މޮރޮކޯއިން މިދިޔަ ހަ ވަރަކަށް އަހަރު ދައްކަމުންދާ ކުޅުމަށް ބަލާއިރު މިކެޓެގަރީއަށް އެޓީމު ފެތޭކަމަށާއި އަދި ދެން އޮތީ ނެދަލަންޑްސް ކަމަށެވެ. އެޓީމަކީ ޒަމާނުންސުރެ އެޓީމުން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ފުޓްބޯޅައިގެ ގަދަ ބާރެކެވެ. އެހެން ކަމުން މިހާރު މިވަނީ އޭނާ ހާސިލް ކުރަން ބޭނުންވި ހިސާބަށް އެޓީމު ގެނެސްދެވިފައިކަމަށެވެ. އަދި މިހާރު މިޓީމަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް ކަމަށާއިި އޭގެތެރެއިން ކޮންމެ ޓީމަކާއި ދިމާވި ނަމަވެސް އެމެޗު ކާމިޔާބު ކޮށް ކެނެޑާއަށް އިތުރު ހިނިތުންވުމެއް ގެނެސްދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ބުނީ މިމެޗުން ދެކުނު އެފްރިކާ ބަލިވީ ކުޅެންވާވަރަށް ވަރުގަދަ ނުވެވުމުގެ އިތުރުން ހަލުވި ނުވުމުން ކަމަށެވެ. މިގޮތުން އިދިކޮޅު ޓީމާއި އަޅާބަލާއިރު ވަން އޮން ވަން ގިނަ ފުރުސަތު ތަކެއް ގެއްލިގެން ދިޔަކަން އޭނާ ފާހަގަ ކުރިއެވެ. އަދި ކުޅުމުގެ ހަލުވިކަމުގެ އިތުރުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން ހަލުވި ނުވުންވެސް އޭނާ ފާހަގަ ކުރިއެވެ. މިއީ އޭނާގެ ޓީމުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ކަމުގައި އޭނާ ފާހަގަ ކުރިއެވެ. ބްރޫސް ބުނީ ޒަމާނީ ފުޓްބޯޅައިގާ ޓެކްނީކުން އެކަނި ފުއްދާ ނުލެވޭ ކަމަށާއި ކުޅުން ވަރުގަދަ ވުމާއި ހަލުވިވުން މުހިންމު ކަމަށެވެ. ނަމަވެސް މުޅި މުބާރާތަށް ބަލާއިރު ދެކުނު އެފްރިކާއިން ދަތުރު ކުރި ހިސާބު ރަނގަޅު ކަމަށެވެ.