ޚަބަރު

ފީފާ ވޯލްޑްކަޕް 2026 ގަދަ 32: ބްރެޒިލް - ޖަޕާން


ފީފާ ވޯލްޑްކަޕްގެ ގަދަ 32 ގައި ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އާއި ދެކޮޅަށް ޖަޕާން މިރޭ ނިކުންނައިރު, މިއީ ފީފާ ވޯލްޑްކަޕްގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ.

ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ފިފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ޖަޕާނުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު ޖަހާ އެ މެޗުން ބްރެޒިލް މޮޅުވެފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން 2005 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު, 2013 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕްގައި ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ބްރެޒިލް ވަނީ ކާމިޔާބުކޮށްފަ އެވެ. 2022 ވަނަ އަހަރު މި ދެ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗު 1-0 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވެފައިވީ ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު މި ދެ ޓީމު ކިރިން ޗެލެންޖް ކަޕްގައި ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޖަޕާން އެވެ.

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ބްރެޒިލް އާއި ޖަޕާން ނިކުންނައިރު ބްރެޒިލް އަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާއިން ރަގަޅުވެ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ނޭމާ ހިމެނުމުގެ ފުރުސަތު ކޯޗު ކާލޯ އެންޗެލޮއްޓީއަށް ލިބިފައި އޮތުމެވެ.

ކުރީގެ މެޗުތައް:

  • * ކޮންފެޑަރޭޝަންސް ކަޕް 2005: ޖަޕާން 2-2 ބްރެޒިލް
  • * ފީފާ ވޯލްޑްކަޕް 2006: ޖަޕާން 1-4 ބްރެޒިލް
  • * ކޮންފެޑަރޭޝަންސް ކަޕް 2013: ބްރެޒިލް 3-0 ޖަޕާން
  • * އެކުވެރިކަމުގެ މެޗެއް: ޖަޕާން 0-1 ބްރެޒިލް
  • * ކިރިން ޗެލެންޖް ކަޕް: ޖަޕާން 3-2 ބްރެޒިލް

ބްރެޒިލް އިން ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އަދި ޖަޕާން ދެވަނަ ބުރަށް ކޮލިފައިވެފައިވަނީ ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

މިރޭގެ މެޗަށް މި ދެ ޓީމު ނިކުންނައިރުވެސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން އެއްވެސް ޓީމެއް ބަލިވެފައެއް ނުވެއެވެ. ޖަޕާން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. އަދި ބްރެޒިލް ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވެފައިވާއިރު ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ.