ފަންނީ އެކިއެކި އުފެއްދުންތަކަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގައި އުފައްދާފައިވާ ޑިޖިޓަލް މާކެޓްޕްލޭސް "ކްރިއޭޓޯލް" އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާއި ޕަބްލިކް ސަރވިސް މީޑިއާ ދެމެދު ޕާޓްނަރޝިޕްއެއް ޤާއިމްކޮށްފިއެވެ.
މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބުއެވެ.
މި އެއްބަސްވުމުގެ ދަށުން، ޕީއެސްއެމްގެ މުއްސަނދި އޯޑިއޯވިޝުއަލް އަރުޝީފާއި މީޑިއާ ވަސީލަތްތައް ކްރިއޭޓޯލްގެ ތެރެއަށް އިންޓަގްރޭޓް ކުރެވޭނެއެވެ.
މި އެއްބަސްވުމަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށާއި، ދިވެހިރާއްޖޭގެ އެންމެ ބޮޑު އޯޑިއޯވިޝުއަލް އަރުޝީފު ބަލަހައްޓާ މައި ބްރޯޑްކާސްޓަރުގެ ހައިސިއްޔަތުން ޕީއެސްއެމްއަށް ލިބިފައިވާ ޤާބިލުކަން އެއްކޮށްލުމަށް ވެވުނު އެއްބަސްވުމެކެވެ. މީގެސަބަބުން ދިވެހިރާއްޖޭގެ ތަސްވީރުތައް ނުވަތަ ފޮޓޯގްރަފީ، ސަގާފަތް އަދި ފަންނީ އުފެއްދުންތައް އެއްތަނަކުން ފެންނާނެ މުއްސަނދި ޕްލެޓްފޯމެއް ގާއިމުކުރެވޭނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ ޕީއެސްއެމްއަކީ ރާއްޖޭގެ ހުރިހާ ދާއިރާއެއްގައިވެސް އެންމެ މުއްސަނދި އާކައިވް އޮތްތަން ކަމަށެވެ. ޝަކީބް ވިދާޅުވީ ޕީއެސްއެމްގެ ޔެސްޓީވީ އަދި މޯލްޑިވްސް ޓީވީއަށް ކޮންޓެންޓް އުފެއްދުމަށްވެސް ކްރިއޭޓޯލް ބޭނުން ކުރެވިދާނެކަމަށެވެ. މިކަމަކީ ދެފަރާތަށްވެސް ފައިދާވާނެކަމެއްކަމަށް ޝަކީބް ވިދާޅުވިއެވެ.
ވީއެމްސީގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ ކްރިއޭޓޯލްއަކީ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ހުޅުވާލެވޭ މާކެޓް ޕްލޭސްއެއްކަމަށެވެ. އަދި އޭގެ ތެރެއިން އެކި ދުވަސްވަރަށް ޚާއްސަ ކޮށްގެން ތަފާތު މުބާރާތްތައް ކުރިއަށްގެންދެވޭނެކަމަށް ޝިއުރީ ވިދާޅުވިއެވެ. މީގެ އިތުރުން އާމްދަނީއެއް ހޯދުމަށްވެސް އެ ޕްލެޓްފޯމް ބޭނުން ކުރެވޭނެކަން ޝިއުރީ ފާހަގަކުރެއްވިއެވެ.
ވީއެމްސީން ވިދާޅުވީ މި އިސްނެގުމުގެ ދަށުން، ޕީއެސްއެމްގެ އަރުޝީފުގައި ހުރި އަދި މިހާރުގެ މީޑިއާ ތަކެތީގެ ތެރެއިން ހޮވާލެވޭ ފޮޓޯގްރަފީ، ޑޮކިއުމެންޓްރީ، ތާރީޚީ ފޫޓޭޖް، އިންޓަވިއު އަދި ސަގާފީ ލިޔެކިޔުންތައް ކްރިއޭޓޯލް ޕްލެޓްފޯމަށް ފޯރުކޮށްދެވޭނެކަމަށެވެ.
ގިނަ އަހަރުތަކެއްވީ ދިވެހި ތާރީޚާއި، ތަރިކަ ދައްކުވައިދޭ މި ތަކެތި ސިސްޓަމެޓިކްކޮށް ބަލަހައްޓައި، އަސްލު ދިވެހި އުފެއްދުންތައް ބޭނުންވާ ފަރާތްތަކަށާއި ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ ޚާއްޞަ ޑިޖިޓަލް މާކެޓް ޕްލޭސްއެއްގެ ގޮތުގައި އެ ޕްލެޓްފޯމް ޤާއިމްކުރެވޭނެކަމަށް ވީއެމްސީން ވިދާޅުވިއެވެ.