ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޖަރުމަނުވިލާތާއި ބައްދަލުކުރި މެޗުން އެކުއެޑޯ މޮޅުވުން ހައްގު ކަމަށް ޖަރުމަނު ކޯޗު ޖޫލިއަން ނާގެލްސްމަން ބުނެފިއެވެ.
ނާގެލްސްމަން މިކަން ހާމަކޮށްފައިވަނީ އެކުއެޑޯއިން ޖަރުމަނުވިލާތުގެ މައްޗަށް 2 ލަނޑު އެއް ލަނޑުން ކުރި ހޯދި މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ނާގެލްސްމަން ބުނީ އެކުއެޑޯ މިމެޗުން މޮޅުވުން ހައްގު ކަމަށެވެ.
ނާގެލްސްމަން ބުނީ މެޗުގެ އެހާ ކުރީކޮޅު ލަނޑެއް ޖެހުމާއެކު ނަތީޖާ އެނބުރިގެން ދިއުމުގައި މެޗުގެ ބައެއް ނިންމުންތައް އެޓީމާއި ދެކޮޅަށް ނިމިގެންދިޔުން ހިމެނޭ ކަމަށެވެ. މިމެޗުން މޮޅުވާން އޭނާވެސް ބޭނުންވި ކަމަށާއި ނަމަވެސް ނަތީޖާ ގަބޫލް ކުރަން ޖެހޭ ކަމަށެވެ. މިހާރު މުހިންމީ މިނަތީޖާ ހަނދާން ނައްތާލާ މިއަންނަ ހޯމަދުވަހު ކުޅޭ ދެވަނަ ބުރުގެ މެޗަށް ރަނގަޅަށް ތައްޔާރުވެ އެމެޗު ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރުން ކަމަށެވެ.
ނާގެލްސްމަން ބުނީ މެޗަކުން ބަލިވުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށާއި ހާއްސަކޮށް ވޯލްޑް ކަޕްގައި މެޗަކުން ބަލިވާން ބޭނުން ނުވާނެ ކަމަށެވެ. އަދި ޖެހިޖެހިގެން 11 މެޗުން މޮޅުވެފައިވާއިރު މެޗަކުން ބަލިވުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ނާގެލްސްމަން ބުންޏެވެ.
އޭނާ ބުނީ މިހާރު މުހިންމީ މިމެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުން ކަމަށެވެ. އަދި މިއަންނަ ހޯމަދުވަހު ކުޅޭ މެޗަށް ޖަރުމަނުން ނިކުންނާނީ އިތުބާރާއެކު މެޗު ކާމިޔާބު ކުރުމުގެ އަޒުމާއެކު ކަމަށް ގަބޫލް ކުރާ ކަމަށްވެސް ޖަރުމަނުގެ ކޯޗު ބުންޏެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އެކުއެޑޯގެ ކޯޗު ސެބަސްޓިއަން ބެކަސެސޭ ބުނީ މިމެޗުގައި ފެނިގެންދިޔައީ އެކުއެޑޯއިން އެކަތި ގަނޑެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށެވެ.
މިމެޗުގެ އެހާ ކުރީކޮޅު ޖަރުމަނު ކަހަލަ ޓީމަކާއި ދެކޮޅަށް ކުޅެ ބައިކޮޅަށް ލަނޑެއް ވަނުމާއެކުވެސް ފަހަތުން އަރާ މެޗު ކާމިޔާބު ކުރެވުނީ އެޓީމުން އެންމެ ކުރިންވެސް ރާވާފައިވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ގޭމް ޕްލޭނާއި އެއްގޮތަށް ކުޅުމުން ކަމަށް އެކުއެޑޯގެ ކޯޗު ބުންޏެވެ.
އޭނާ ބުނީ ފުޓްބޯޅައިގާ މޮޅުވުމާއި ބަލިވުން އަންނާނެ ކަމަށާއި އެގޮތުން ޓީމަށް ރަނގަޅަށް ނުކުޅެވޭއިރަށް ޓީމުގެ ކުޅުން ބަދަލު ކުރުމަކީ އޭނާ ގަބޫލް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެކުއެޑޯގައި އޮތީ އެންމެ ޒުވާން ޓީމު ކަމަށާއި ޓީމުގައި ހިމެނޭ 26 ކުޅުންތެރިންގެ އަޒުމަކީވެސް އެކުއެޑޯއަށް ރީތި ނަން ހޯދައިދިނުން ކަމަށެވެ.