ޚަބަރު

އޭޝިއަން ޔޫތް ޓީޓީ ޗެންޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމާ ޖާޒީ ހަވާލުކޮށްފި


  • މުބާރާތް ކުރިއަށްދަނީ މިމަހުގެ 28 އިން އަންނަމަހުގެ 4 އަށް

  • މިމުބާރާތުގައި 9 ކުއްޖަކު ގައުމު ތަމްސީލުކުރާނެ

މިމަހުގެ 28 އިން އަންނަމަހުގެ 4 އަށް ތައިލޭންޑްގެ ބެންގކޮކްގައި ކުރިއަށްދާ 30 ވަނަ އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެންޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމާއި ޖާޒީ ހަވާލުކޮށްފިއެވެ.

މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ޖާޒީ ހަވާލުކޮށްދެއްވީ ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީއެވެ. މިރަސްމިއްޔާތުގައި ޝިއުރީވަނީ ގައުމީ ޓީމަށް ހިތްވަރުދެއްވާ ކާމިޔާބަށް އެދިވަޑައިގެންފައެވެ.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަކީ 15 އަހަރުންދަށުގެ ފިރިހެންކުދިންގެ ސިންގަލްސް އަދި ޓީމް އިވެންޓުގައި ވާދަކުރާ މުހައްމަދު ޚަލަފް ރާފިޢު، އައްޔޫބް އިޒްކާން ސަލީމް، އަހްޔަލް އަލީ ނަޒީރްގެ އިތުރުން އިބްރާހިމް އަޝްއަލް އާސިފްއެވެ.

މިއުމުރުފުރާގެ އަންހެން ސިންގަލްސް އަދި ޓީމް އިވެންޓުގައި ވާދަކުރަނީ އާއިޝަތު އަލްސާ ނާފިޒް، އާއިޝަތު މަލަކް ތަސީން، ސާރާ މޫސާ ޖަމީލް އަދި އައިރާ ޢަބްދުﷲ ރިފާޢުއެވެ.

މީގެ އިތުރުން 19 އަހަރުންދަށުގެ ސިންގަލްސް ކެޓެގެރީގައި ފާތިމަތު ދީމާ އަލީވެސް ވާދަކުރާނެއެވެ.

އުންމީދީ މި ސްކޮޑުގެ ފަރިތަކުރުންތައް ކުރިއަށް ދިޔައީ ކޯޗް ހުސައިން ރަޝީދުއާއި ފާތިމަތު ޖުމާނާ ނިމާލްގެ އިރުޝާދުގެ ދަށުންނެވެ. ޓީމާއިއެކު ހުސައިން ޖުމާނާވެސް ތައިލެންޑަށް ދިއުމަށް ހަމަޖެހިފައިވާއިރު، އަމްޕަޔަރެއްގެ ގޮތުން ޓީމާއެކު ބައިވެރިވާނީ އައްޒާމް އިބްރާހިމްއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް ތައިލެންޑުން ހޮސްޓްކުރާ މިމުބާރާތުގައި އެކި އުމުފުރާތަކުން އޭޝިއާގެ އެންމެ މޮޅެތި ކުޅުންތެރިންވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.