7 އޮކްޓޯބަރު 2023ގެ ފަހުން ޣައްޒާ، ލުބުނާން، ސޫރިޔާ އަދި އީރާނުގައި ޔަހޫދީން ކުރަމުންދާ ހަނގުރާމަތަކުގެ ޚަރަދު ގާތްގަނޑަކަށް 205 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ޔަހޫދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މި ރިޕޯޓުގައި ހަނގުރާމަތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށާއި، އުފެއްދުންތެރިކަމުން ލިބުނު ގެއްލުންތަކުގެ އިތުރުން އެމެރިކާގެ އަސްކަރީ އެހީތެރިކަމުން އިޤްތިޞާދަށް ކުރި އަސަރުތައް ވަޒަންކޮށްފައިވެއެވެ. 'ބޭންކް އޮފް އިސްރާއީލް'ގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، ހަނގުރާމައިގެ ސަބަބުން ސަރުކާރަށް ކުރަންޖެހުނު ޚަރަދު 118 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ.
މި ރިޕޯޓުގައިވާ ގޮތުން ޖުމްލަ ޚަރަދުގެ ތެރެއިން ދިފާއީ ކަންކަމަށް ގާތްގަނޑަކަށް 71.2 ބިލިއަން ޑޮލަރު ހޭދަވެފައިވާއިރު، ބަދަލުގެ ގޮތުގައި ދޭންޖެހުނު ފައިސާ 9.6 ބިލިއަން ޑޮލަރަށް އަރައެވެ. އަދި މަދަނީ އެކިއެކި ޚަރަދުތަކަށް 16.7 ބިލިއަން ޑޮލަރު ހޭދަވެފައިވާއިރު، ދައުލަތުގެ ދަރަނި އިތުރުވުމާ ގުޅިގެން އިންޓްރެސްޓްގެ ގޮތުގައި 5.5 ބިލިއަން ޑޮލަރު ޚަރަދުވެފައިވެއެވެ.
އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދިން ހަތިޔާރާއި، ވަޒަނާއި އަދި އަސްކަރީގޮތުން ކޮންމެހެން ބޭނުންވާ ސާމާނުގެ އަގު ގާތްގަނޑަކަށް 26 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، އޮކްޓޯބަރު 2023 އިން ފެށިގެން 2025 ގެ ނިޔަލަށް ޔަހޫދީންގެ އިޤްތިޞާދުގެ އުފެއްދުންތެރިކަމުން ގެއްލުނު މިންވަރު ގާތްގަނޑަކަށް 51.9 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. 2026 ވަނަ އަހަރުގެ ހިނގަމުންދާ ކަންކަމަށް ބަލާ، އެ ރިޕޯޓުގައި ބުނެފައިވަނީ އެ އަދަދު 58.6 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފާނެ ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން، ސަރުކާރުގެ ޚަރަދުތަކާއި، އެމެރިކާގެ އެހީއާއި، އަދި އުފެއްދުންތެރިކަމުން ގެއްލުނު ބައި އެއްކޮށްލުމުން، ހަނގުރާމައިގެ ޖުމްލަ ޚަރަދު ގާތްގަނޑަކަށް 205 ބިލިއަން ޑޮލަރަށް އަރައެވެ. މި ހިސާބުތަކުގެ ތެރޭގައި ދައުލަތުން ބަދަލު ނުދޭ އަމިއްލަ ފަރުދުންގެ ގެއްލުންތަކާއި ނުވަތަ ޕްރައިވެޓް ސެކްޓަރަށް ލިބުނު ހުރިހާ ގެއްލުމެއް ހިމަނާފައެއް ނުވެއެވެ. އަދި ހަނގުރާމަ ކުރިއަށްދާނަމަ މި ބުރަ އިތުރަށް ބޮޑުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން، ދައުލަތުގެ ޚަރަދުތައް އިތުރުވުމުގެ ސަބަބުން ޓެކްސް ބޮޑުވެ، ދިރިއުޅުމުގެ ޚަރަދުތައް އުފުލި، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮކްޓޯބަރު 7 ގެ ފަހުން ހިނގަމުންދާ މި ހަނގުރާމަތަކަކީ އިޤްތިޞާދީ ގޮތުން ބަލާއިރު ޔަހޫދީންގެ ތާރީޚުގައިވެސް އަސްކަރީ ކަންކަމަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނު ދުވަސްވަރު ކަމަށާއި، މީގެ ނަތީޖާ ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިގެންދާނެ ކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.