ޚަބަރު

ވިސްލްބްލޯކުރުމަކީ ނަޒާހަތްތެރި ނިޒާމެއް ޤާއިމުކުރަން އޮތް މުހިއްމު ވަސީލަތެއް


  • ޑރ.ރަމީލާ ވިދާޅުވީ ވިސްލްބްލޯވަރުން ވަނީ ޤައުމީ ޤުރުބާނީއެއް ކަމަށް

  • ވިސްލްބްލޯވަރުންނަށް ޤާނޫނީ ހިމާޔަތް ލިބޭނެ ކަމުގެ ޔަޤީންކަންދެއްވާފައި

  • ޖޫން 23އަކީ ވިސްލްބްލޯވަރުންގެ ދުވަސް

ކޮރަޕްޝަނާއި ނުރަނގަޅު އަމަލުތައް ހާމަކުރުން ނުވަތަ 'ވިސްލްބްލޯކުރުމަކީ' މުއައްސަސާތަކުގައި ނަޒާހަތްތެރި ނިޒާމެއް ޤާއިމްކުރުމަށް އޮތް އެންމެ މުހިންމު ވަސީލަތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްގެ ރައީސާ ޑރ.އާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ވިސްލްބްލޯވަރުންނަކީ، މުއައްސަސާތަކާއި އިދާރާތަކުގައި ހިނގާ ކޮރަޕްޝަނާއި އެނޫންވެސް ނުރަނގަޅު ކަންކަން ހާމަކޮށް ފަޅާއަރުވާލާ މީހުންނެވެ. ބައިނަލްއަޤުވާމީ ގޮތުން ކޮންމެ އަހަރެއްގެ ޖޫން 23 ފާހަގަކުރަނީ، ވިސްލްބްލޯވަރުންގެ ދުވަހުގެ ގޮތުގައެވެ.

ދުނިޔޭގެ ވިސްލްބްލޯވަރުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ.ރަމީލާ ވަނީ، އެފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. ޑރ.ރަމީލާ ވިދާޅުވީ، އެފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމާއި ދެކޮޅަށް ތެދުވާ ހިތްވަރުގަދަ ފަރުދުންގެ އަގު ވަޒަންކުރުމާއި، މުޖުތަމައުގައި ހިނގަމުންދާ އަދި ހިނގާފާނެ ކަންކަމަށް ހޭލުންތެރިކުރުވުން ކަމަށެވެ.

"އެއީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމާއި ޤާނޫނާއި ޚިލާފު އަމަލުތައް ހާމަކުރުމަކީ، މުޅި ޤައުމުގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް. އެއީ، ހަމައެކަނި މައުލޫމާތެއް ހިއްސާކުރުމެއް ނޫން. ވިސްލްބްލޯކުރުމަކީ، ޤައުމުގެ މަސްލަހަތާއި ދައުލަތުގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުވާ ކަމެއް."ޑރ.ރަމީލާ ވިދާޅުވިއެވެ.

މީގެއިތުރުން ޑރ.ރަމީލާ ވަނީ، ވިސްލްބްލޯވަރުންގެ މަސައްކަތަކީ އަގުހުރި ޤައުމީ ޤުރުބާނީ އެއްކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން އެފަދަ ފަރާތްތައް ހިމާޔަތްކުރުމުގައި ވިސްލްބްލޯވަރސް ޕްރޮޓެކްޝަން ޔުނިޓުން ފުރިހަމައަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ޑރ.ރަމީލާ ވަނީ ދެއްވާފައެވެ. އެފަދަ ފަރާތްތަކުގެ ހިމާޔަތުގައި ވިސްލް ބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން، އަބަދުވެސް ހަރަކާތްތެރި ވާނީ ޤާނޫނީ އައްޑަނައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ އާއިޝަތު ރިޒްނާ ވިދާޅުވީ، ވިސްލްބްލޯވަރުންނަކީ ނިޒާމީ މައްސަލަތައް ދެނެގަތުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އެފަދަ ފަރާތްތަކަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ރިޕޯޓްކުރުމަށް އެޅޭ ބާރެއް ކަމަށްވެސް ރިޒްނާ ވިދާޅުވިއެވެ.

"ހަރުދަނާ ޤާނޫނީ ނިޒާމްތައް އެކަށައަޅާ، މުޖުތަމައު ހޭލުންތެރިކޮށް އެކުގައި މަސައްކަތްކުރުމަށް މަސައްކަތްތަކެއް ކުރެވޭ. ކެރިގެން ބަސްބުނާ މީހުންނަށް ފަހި ނިޒާމެއް ފެށުމަކީ މައްސަލަަތައް ރިޕޯޓްކުރުމަށް ލިބޭނެ ފަހިކަމެއް." އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން ދުވަހާއި ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ވަނީ ބާއްވާފައެވެ. އެޗްއާރްސީއެމްއާއި، ޓްރާންސްޕޭރެންސީގެ އިތުރުން ވިކްޓިމް ޕްރޮޓެކްޝަން ޔުނިޓު އަދި އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީއިން އެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެފައިވެއެވެ.

މީގެއިތުރުން ވިސްލްބްލޯވަރ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތްތަކުން ވަނަތައް ހާސިލުކުރި ފަރާތްތަކުގެ އަގުވަޒަންކުރުން އެ ހަރަކާތުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.