މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނާ ދެމެދު މިހާރު ޤާއިމްކޮށްފައިވާ އިބްތިދާޢީ އެއްބަސްވުމުގައި ބޮޑަށް ފައިދާ ލިބެނީ އީރާނަށް ކަމަށް އެމެރިކާގެ 37 އިންސައްތަ ރައްޔިތުން ޤަބޫލުކުރާ ކަމަށް ސާވޭއަކުން ދައްކައިފިއެވެ.
ސީބީއެސް ނިއުސްއާއި ޔޫގޮވްއިން ގުޅިގެން ޖޫން މަހުގެ 17ވަނަ ދުވަހުން ފެށިގެން 19ވަނަ ދުަވަހަށް ކުރިއަށް ގެންދިޔަ މި ސާވޭގައި އިބްތިދާއީ އެއްބަސްވުމާ ގުޅޭ ގޮތުން އުމުރުން 18 އަހަރުން މަތީގެ އެެމެރިކާގެ 2،519 ރައްޔިިތެއްގެ ޚިޔާލު ހޯދާފައިވެއެވެ.
ސާވޭގެ ނަތީޖާއިން ދައްކާގޮތުގައި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 37 އިންސައްތަ މީހުން ދެކެނީ އިބްތިދާއީ އެއްބަސްވުމުގެ ސަބަބުން އެމެރިކާއަށްވުރެ އީރާނަށް ލިބޭ ފައިދާ ބޮޑު ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން އެމެރިކާއަށް ލިބޭ ފައިދާ އީރާނަށް ލިބޭ ފައިދާއަށްވުރެ ބޮޑު ކަަމަށް ޤަބޫލުކުރާ ކަމަށް 22 އިންސައްތަ މީހުން ވަނީ ބުނެފައެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ދާއިމީ ނިމުމެއް ގެނެސްފައިވާ ކަމަށް 31 އިންސައްތަ މީހުން ޤަބޫލުކުރެއެވެ. ނަމަވެސް 69 އިންސައްތަ މީހުން ވަނީ އެ ކަން ޙާޞިލްވި ކަމާމެދު ސުވާލު އުފެދޭ ކަމަށް ބުނެފައެވެ.
ކުރިއަށް އޮތް މަސްތަކުގައި އީރާނަކީ ކމެދުއިރުމަތީ ސަރަޙައްދަށް އޮތް ނުރައްކަލަކަށް ވެދާނެ ކަމަށް ޤަބޫލު ކުރެވޭތޯ އެހުމުން ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 59 އިންސައްތަ މީހުން ބުނީ އެއީ ވުން އެކަށީގެންވާ ކަމެއް ކަމަަށެވެ. ނަމަވެސް 40 އިންސައްތަ މީހުން ބުނީ އެގޮތަށް ކަންތައް ވެދާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.
އެމެރިކާއިން އީރާނަށް ޙަމަލާދީ ހަނގުރާމަ ކުރުމަށް މާސިންގާ ޢަދަދުތަކުން ޚަރަދުކޮށްފައިވާއިރު، ހަނގުރާމައިން ޙާޞިލް ކުރެވުނު ކަންކަމާ، ކުރި ޚަރަދާ އެކަށީގެންވޭތޯ ސުވާލު ކުރުމުން އެ ކަމާ އެއްބަސްވީ އެންމެ 31 އިންސައްތަ މީހުންނެވެ. 69 އިންސައްތަ މީހުން ބުނީ ހަނގުރާމައަށް ކުރި ޚަރަދާއި ޙާޞިލްވި ނަތީޖާއާ ނުބައްދަލު ކަމަށެވެ.
އީރާނުގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޢަމަލުކުރައްވަމުންދާ ގޮތާ މެދު ހިތްހަމަޖެހޭތޯ ސުވާލުކުރުމުން 34 އިންސައްތަ މީހުން ބުނީ ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް 64 އިންސައްތަ މީހުން ބުނީ ޓްރަމްޕް ކަންކުރައްވަމުންދާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ.