ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ކަންކަން ރަނގަޅަށް މެނޭޖްކުރެވިއްޖެނަމަ ކުންފުނީގެ ޚަރަދުން ގާތްގަނޑަކަށް 22 މިލިޔަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެކަމަށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ.
ފެނަކަ ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށާއި، ކުންފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ އަދަދަކަށް ފެއްތުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފް ވިދާޅުވީ، ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން ކުންފުނީގެ ބައެއް ގޮފިތަކުގައި މުވައްޒަފުން ތިބި ކަމަށެވެ. އަފީފް ވިދާޅުވީ، 8000 އެއްހާ މުވައްޒަފުން މަސައްކަތްކުރަމުންދާ ފެނަކަ ކުންފުނީގެ މުސާރަ ދިނުމަށް 90 ވަރަކަށް މިލިޔަން ރުފިޔާ ހޭދަކުރަމުންދާ ކަމަށެވެ. އެހެންކަމުން މުވައްޒަފުން މަދުކުރުމަކީ ދެމެހެއްޓެނިވި ގޮތުގައި ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި ފެނަކަ ދެމިއޮތުމަށް މަގުފަހިވާނެ ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ.
"ރަށްރަށަށް ދަތުރުކުރާއިރު މުވައްޒަފުން ވެސް ރަށްރަށުގެ ހަރުމީހުންވެސް އަޅުގަނޑުގެ ކިބައިން އެދޭ ވީހާވެސް އަވަހަށް ރައިޓްސައިޒްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް. އެކަން ހަމަޖެހުނީމަ ވަސީލަތްތައް ވެސް ހަމަޔަށް ރަނގަޅަށް ހަމަޖައްސާދެވޭނީ." އަފީފް ވިދާޅުވިއެވެ.
މީގެއިތުރުން، ރިޑަންޑެންސީގެ މަސައްކަތަކީ ޤައުމީ ވިސްނުމުގައި ކުރާ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގެ ލާބަޔާއި މަންފާ މުޅި ކުންފުންޏަށް ކުރާނެ ކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ކުންފުނީގެ ޚަރަދު ބޮޑުވުމާއި، މަސައްކަތުގެ ފެންވަރު ދަށްވުމާއި، ދުވަހުން ދުވަހަށް ނިންމަން ޖެހޭ މަސައްކަތްތައް ނުނިމި ލަސްވުން ފަދަ ނޭދެވޭ އަސަރުތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފެނަކައިގެ ޚިދުމަތް ރަނގަޅަށް ކުރިއަށް ގެންދިއުމަކީ ރަށްރަށުގެ ރައްޔިތުންގެ އުންމީދެއްކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ، ނުރަނގަޅު ގޮތުގައި ފެނަކަ ހިންގުމުގެ ނޭދެވޭ އަސަރު ރަށްރަށުގެ އިޖުތިމާޢީ ވެއްޓަށް ވެސް ކުރާ ކަމަށެވެ.
ފެނަކަ ކުންފުނި މުވައްޒަފުންގެ އަދަދު މިންގަނޑު ތެރެއަށް ފެއްތުމުގެ ގޮތުން އަމިއްލައަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމަށް ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިން ފުރުސަތުގައި، އެކަމަށް އެދި 97 މުވައްޒަފުން ހުށަހަޅާފައިވެއެވެ. މިހާރު ކުރިއަށް ދަނީ އެ މުވައްޒަފުން ވަކިވުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާއެވެ.