އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 35 ވަނަ ގައުމީ އެތުލެޓިކްސް ޗެންޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުންގެ ޝަރަފު ޓްރެކް އެންޑް ފީލްޑްގެ ދެ އެތުލީޓުންކަމަށްވާ ޔޫސުފް ނާއިކް ވަޖީހާއި ޢާއިޝަތު ޝާޔާ ޝަފީޢު ހޯދައިފިއެވެ.
މިމަހުގެ 18 އިން 20 އަށް މާފަންނު ކުޅިވަރު އެކުވެނީގައި ކުރިއަށްދިޔަ މި މުބާރާތުގައި 19ކުލަބަކުން 153 އެތުލީޓުން ވާދަކޮށްފަވާއިރު، މުބާރާތުގެ އަންހެން އަދި ފިރިހެން ޗެންޕިއަން ޓީމަކަށް ހޮވިފައިވަނީ މިދިޔަ އަހަރުގެ ޗެންޕިއަނުންކަމަށްވާ ޓްރެކް އެންޑް ފީލްޑް ފަހަތަށް ޖައްސާލުމަށްފަހު ދިވެހި ސިފައިންގެ ކުލަބެވެ.
35 ވަނަ ގައުމީ އެތުލެޓިކްސް ޗެންޕިއަންޝިޕުގެ އެހެނިހެން ވަނަތަކަށް ބަލާއިރު، 1500 މީޓަރު ދުވުމުން ޗެންޕިއަންކަން ހޯދާފައިވަނީ ފަސޫހާ އަހްމަދުގެ އިތުރުން ހުސައިން ރިޒާއެވެ. އަދި ފިރިހެނުންގެ ޖެވެލިން ތްރޯއިން ރަން މެޑަލް ޕްރަވީން ދިލްޝާން ފަރނާންސޯ ހޯދިއިރު، އަންހެނުންގެ ޖެވެލިން ތްރޯއިން ރަން މެޑަލް ނެގީ އާއިޝަތު ޝައިމް އަޒީޒެވެ، އޭނާވަނީ އަންހެނުންގެ ލޯންގް ޖަމްޕުންވެސް އެއްވަނަ ހާސިލްކޮށްފައެވެ. އަދި ފިރިހެނުންގެ ލޯންގް ޖަމްޕުން އެއްވަނަ ހާސިލްކޮށްފައިވަނީ އީސާ ޝަފީއުއެވެ.
400 މީޓަރު ދުވުމުން ރަން މެޑަލް ހާސިލްކުރި އެތުލީޓުންނަކީ ހަސަން ސާއިދު އަދި އަންހެނުންގެ ކެޓެގެރީއިން ދަސުނީ ކައުޝަލްޔާ ކޮޑިތުވައްކުއެވެ. 5000 މީޓަރު ދުވުމުން އެއްވަނަ ހޯދާފައިވަނީ ބިދޭސީ ދެ އެތުލީޓުންނެވެ. އެއީ އަންހެނުންގެ ކެޓެގެރީގައި ވާދަކުރި ސުމިތްރާ ކުމާރީ ޗައުދަރީގެ އިތުރުން ވަކްޝަން ވިކްނަރާޖެވެ.
200 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ ހަސަން ސާއިދު އަދި އަހްނާ ނިޒާރެވެ. އަންހެނުންގެ ޑިސްކަސް ތްރޯއިން އެއްވަނަ ހޯދި ޢާއިޝަތު ޝާޔާ ވަނީ ޝޮޓް ޕުޓްގެ ގައުމީ ރިކޯޑްވެސް މިމުބާރާތުގައި އައުކޮށްފައެވެ. މީގެ އިތުރުން ފިރިހެނުންގެ ހައި ހައިޖަމްޕްގެ ގައުމީ ރެކޯޑު ޔޫސުފް ނާއިކް ވަޖީހުވެސްވަނީ މިމުބާރާތުގެ ތެރެއިން އައުކޮށްފައެވެ. ފިރިހެނުންގެ ޑިސްކަސް ތުރޯއިން އެއްވަނަ ހޯދާފައިވަނީ ހަސަން ޝައްމޫނެވެ. 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައިވަނީ ފަސޫހާ އަހްމަދުގެ އިތުރުން ހުސައިން ރިޒާއެވެ.
ޓްރިޕްލް ޖަމްޕުން އެއްވަނަ ހޯދީ މުހައްމަދު ޖައިލަމް ވަލީދާއި އިތުރުން އާމިނަތު ޒީވާ އާމިރެވެ. 100 މީޓަރު ދުވުމުން ޒިވާ މޫސާ ޝަފީއު އާއި ހަސަން ސާއިދު ރަން މެޑަލް ހޯދިއިރު، ފިރިހެނުންގެ ޝޮޓް ޕުޓުން އެއްވަނަ ހާސިލްކުރީ އާލިފް އިބްރާހިމް ޝަރީފްއެވެ. އަދި 10،000 މީޓަރު ދުވުމުގެ ޗެންޕިއަންކަން ހޯދާފައިވަނީ ޔޫސުފް އިބްރާހިމެވެ.
ފޯރިއާއެކު ކުރިއަށްދިޔަ މިމުބާރާތް ނިންމާ ވަނަވަނައަށް ދިޔަ އެތުލީޓުންނަށް މެޑައްޔާއި ތަށި ހަވާލުކޮށްފަވާއިރު، މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތ\ު އެމްޕަވަމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސްގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހިމެވެ.