ޚަބަރު

"ޖީޕީ ކްލިނިކްތަކާއެކު ހުޅުމާލޭގެ ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާވާނެ"


ހުޅުމާލޭގައި ސިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް، އިތުރު ޖީޕީ ކްލިނިކްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު"ގެ 4 ވަނަ ޕްރޮގްރާމްގައި، ހުޅުމާލޭ ހޮސްޕިޓަލުގައި، މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތަކުން ރައީސާ ބައްދަލުކޮށް ބުނީ، ހުޅުމާލެއަކީ އާބާދީ ބޮޑު ތަނަކަށްވުމާއެކު ހުޅުމާލޭ ހޮސްޕިޓަލަށް އަންނަ މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކާ ދިމާވާކަމަށެވެ. އަދި ހުޅުމާލެއަކީ އަދިވެސް އާބާދީ އިތުރުވަމުން އަންނަ ތަނަކަށް ވުމާއެކު އެކަމަށް ހައްލެއް ހޯދާދިނުމަށް އޭނާ އެދިފައިވެއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގެ އާބާދީއާ އެއްވަރަށް ފަރުވާހެ ފަރުވާދިނުމަށް އެކަށީގެންވާ ގޮތަށް ސިއްޙީ ނިޒާމް ބައްޓަންކުރުމަށް މަސައްކަތްކުރައްވާކަމަށެވެ. އެގޮތުން ހުޅުމާލޭގެ ފޭސް1 އާއި ފޭސް2ގައި ޖީޕީ ކްލިނިކް ޤާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ޖީޕީ ކްލިނިކްސްތައް. ފޭސް2ގަ އިތުރުތަނެއް. ފޭސް1ގައި އިތުރު ތަނެއް ހެދުމުގެ މަސައްކަތް މިހާރު ހަވާލުކޮށްގެން ފަށައިފި. އެ ދެ ތަން ނިމުނީމަ އަނެއްކާވެސް ސްޓާފުން އިތުރުކުރެވޭނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ދެ ކްލިނިކް އިމާރާތްކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 4-6 މަސް ހޭދަވާނެކަމަށް ބެލެވޭކަމަށެވެ. އެހެންނަމަވެސް އެ މަރުހަލާ ނުނިމުނުނަމަވެސް، މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިިއަށްގެންދަވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އިތުރު މެޑިކަލް އޮފިސަރުން ހޯދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިއްޙީ ދާއިރާއަށް މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 2000 މުވައްޒަފުން ސިއްޙީ ދާއިރާއަށް އިތުރުކުރާނެކަމަށާ، މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެކި ބެޗްތަކަށް ބަހާލައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެކުރިން ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ، ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއި ދެވަނަ ފިޔަވަހީގެ ޖީޕީ ކްލިނިކްގެ މަސައްކަތް އޮކްޓޫބަރު މަހު ނިންމާލުމަށް ހަމަޖެހިފައިވާކަމަށެވެ. ދެވަނަ ފިޔަވަހީގައި ޖީޕީ ކްލިނިކް ތަރައްޤީކުރަނީ އަމާން އުދަރެހުގެ 6 ވަނަ ޓަވަރުގައެވެ. މީގެއިތުރުން، ހުޅުމާލެ ހޮސްޕިޓަލަށް 28 އެނދު އިތުރުކުރާއިރު މީގެތެރެއިން 4 އެނދު މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓު، އެޗްޑީޔޫއަށް ޚާއްސަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.