ފީފާ ވޯލްޑް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ބްރެޒިލް އާއި ދެކޮޅަަށް ދެއްކި ކުޅުމަށްވުރެ ސްކޮޓްލަންޑައި ދެކޮޅަށް މޮރޮކޯއިން ދެއްކި ކުޅުން މާ ރަނގަޅު ކަމުގައި އެޓީމުގެ ކޯޗު މުހަންމަދު އުއަހްބީ ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ސްކޮޓްލަންޑާއި ދެކޮޅަށް ރޭ ބޮސްޓަންގައި ކުޅެ އެއް ލަނޑު ސުން ލަނޑުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އުއަހްބީ ފާހަގަ ކުރިގޮތުގައި މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ މޮރޮކޯގެ ޓީމެވެ.
ފުރަތަމަ މެޗަށްވުރެ މޮރޮކޯގެ ކުޅުން ރަނގަޅު ކަން ފާހަގަ ވި ކަމަށާއި އެހެން ކަމުން މެޗަކަށް ފަހު މެޗެއްގައި އެޓީމުގެ ކުޅުން ރަނގަޅު ވަމުން އަންނާތީ އުފާ ކުރާކަމަށް މޮރޮކޯގެ ކޯޗު ފާހަގަ ކުރިއެވެ. މިމެޗުގައި މޮރޮކޯއިން ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ޖެހި އެންމެ އަވަސް ލަނޑު ކާމިޔާބު ކޮށް މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ.
އުއަހްބީ ބުނީ މެޗުގެ އެހާ ކުރީކޮޅު ލަނޑެއް ޖަހާ ލީޑު ނެގުމާއެކު އިތުރު ލަނޑެއް ނުޖެހޭނަމަ ޑިފެންސް ވެސް ކުރަން ޖެހޭނެ ކަމަށާއި އަދި މިމެޗުގައި ސްކޮޓްލަންޑްއިން ކުޅެފައިވަނީ ދިގު ބޯޅަ ލައިގެން ވަރަށް އުނދަގޫ ކުޅުމެއް ކަމަށެވެ.
މިމެޗުގައި ސްކޮޓްލަންޑްގެ ސަޕޯޓަރުންގެ ފަރާތުން މޮރޮކޯގެ ކެޕްޓަންއަށް އަމާޒު ކުރެވެމުންދިޔަ ނުރުހުންތަކާއި ގުޅޭގޮތުން ސުވާލުކުރުމުން އުއަހްބީވަނީ މިމެޗުގައި އޭނާގެ ކެޕްޓަން އަޝްރަފް ހަކީމީ ވަރަށް މޮޅު ކުޅުމެއް ދައްކާފައިވާ ކަން ހާމަކޮށްފައެވެ. އަދި މިމެޗުގައި ހަކީމީ ދެއްކި ކުޅުން ފެނުނު ތޯ ނޫސްވެރިންނާއި ސުވާލުކޮށްފައެވެ.
އުއަހްބީ ފާހަގަ ކުރިގޮތުގައި ހަކީމީ ހުރީ ވަރަށް ހަމަޖެހިފައިކަމަށާއި އަދި ޓީމުގައިވެސް އެއްވެސް މައްސަލަ އެއް ނެތް ކަމަށެވެ. އަދި މޮރޮކޯ ޓީމު އޮތީ ހަކީމީގެ ފަހަތުގައި ކަމަށްވެސް އޭނާ ހާމަކުރިއެވެ.
އުއަހްބީ ބުނީ އެޓީމުގެ ވިސްނުން މިހާރު ހުރީ ހައިޓީ އާއި ދެކޮޅަށް ކުޅޭ މެޗާއި ދިމާލަން ކަމަށާއި އެމެޗް ކާމިޔާބު ކުރުމަށްޓަކައި އެމެޗަށްވެސް ވަރުގަދަ ޓީމެއް ނެރޭނެ ކަމުގައި މޮރޮކޯގެ ކޯޗު ފާހަގަ ކުރިއެވެ.
ސްކޮޓްލަންޑްގެ ކޯޗު ސްޓީވް ކްލާކް ބުނީ މެޗުގެ އެހާ ކުރީކޮޅު ބައިކޮޅަށް ލަނޑެއް ވަނުމުން ކުޅުންތެރިން މެޗުގެ ތެރެއަށް ވަދެވޭވަރުވީ ދިހަ ވަރަކަށް މިނެޓް ފަހުން ކަމަށެވެ. އަދި ފުރަތަމަ ހާފުގެ ހައިޑްރޭޝާން ބްރޭކަށްފަހު ސްކޮޓްލަންޑްއިން ކޮންމެވެސް ވަރަކަށް ބޯޅަ ޕާސް ކޮށްގެން ކުޅެވޭތޯ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މުޅި މެޗަށް ބަލާއިރު އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މެދު ހިތްހަމަ ޖެހޭކަމަށެވެ. ނަމަވެސް ދެރައީ މިމެޗުން ނަތީޖާއެއް ނެރެވޭގޮތް ނުވުމުން ކަމަށްވެސް ކްލާކް ފާހަގަ ކުރިއެވެ.
މިމުބާރާތުގައި މޮރޮކޯ ދެން ކުޅޭ މެޗުގައި ހައިޓީ އާއި ދެކޮޅަށް ކުޅޭއިރު ސްކޮޓްލަންޑް އިން ނިކުންނާނީ ބްރެޒިލް އާއި ދެކޮޅަށެވެ.