ޚަބަރު

އެންމެ އަވަސް ލަނޑާއެކު މޮރޮކޯ ކުރިއަށް


2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ލަނޑު، މެޗުގެ 71 ވަނަ ސިކުންތުގައި އިސްމާޢީލް ސައިބާރީ ކާމިޔާބުކޮށްދިން ލަނޑާއެކު ސްކޮޓްލޭންޑް އަތުން 1-0 އިން މޮޅުވެ، މޮރޮކޯ މުބާރާތުގެ ދެވަބަ ބުރާ ގާތަށް ޖެހިލާފައެވެ.

ބްރެޒިލާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ވެސް ލަނޑުޖެހި ސައިބާރީ، މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ކާމިޔާބުކުރި މި ލަނޑަކީ އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ އަދި ވާދަވެރި މެޗުގެ ނަތީޖާ ކަށަވަރުކޮށްދިން ލަނޑެވެ.

އިސްޕޭނަށް އުފަން، އަދި ބެލްޖިއަމްގައި ބޮޑުވި އުމުރުން 25 އަހަރުގެ ސައިބާރީ އަކީ މިހާރު ނެދަލޭންޑްސްގެ ޗެމްޕިއަން ޕީ.އެސް.ވީ އައިންދޯވަން އިން 63 މިލިއަން ޑޮލަރުގެ އަގަކަށް ބަޔާން މިއުނިކަށް ބަދަލުވާން ތައްޔާރުވަމުންދާ ކުޅުންތެރިއެކެވެ.

ސްކޮޓްލޭންޑްގެ ގޯލްކީޕަރު އެންގަސް ގަން ފަހަނައަޅައި ގޯލުގެ ތެރެއަށް ފޮނުވާލި ހިތްގައިމު ހަމަލާއިން، ބޮޑެތި ކްލަބުތަކުން އޭނާއަށް ޝައުގުވެރިވާ ސަބަބު ވަނީ ހާމަވެފައެވެ. މޮރޮކޯ އަކީ ދުނިޔޭގެ ރޭންކިންގެ 5 ވަނަ އަދި ސްކޮޓްލޭންޑަކީ 40 ވަނަ ގައުމަށް ވުމުގެ ފަރަގު، މި މެޗުގައި ސްކޮޓްލޭންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ވަނީ ސާފުކޮށް ފެނިގެން ގޮސްފައެވެ.

ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާއެކު، މޮރޮކޯ މިހާރު އޮތީ ގަދަ 32 ގެ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސްވެފައެވެ.

އެޓީމުގެ އަމާޒަކީ 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް ހޯދި ތާރީޚީ ކާމިޔާބީ އާ ހަމައަށް ވާސިލްވުން ނުވަތަ އެއަށްވުރެ ކުރިއަށް ދިއުމެވެ.

މިއަންނަ ބުދަދުވަހު މިގްރޫޕްގެ ފަހު މެޗުތަކުގައި ސްކޮޓްލޭންޑް ބައްދަލުކުރާނީ ބްރެޒިލް އާއި އަދި ހަމަ އެގަޑީގައި މޮރޮކޯ ނިކުންނާނީ ހައިޓީ އާއި ދެކޮޅަށެވެ.