ޚަބަރު

މޮޅުވާނެކަމުގެ އުއްމީދުގައި މެޗުތަކަށް ކުރިމަތިލުން މުހިއްމު: ޕޮޗެޓީނޯ


  • އެމެރިކާއިން މިމެޗު ކާމިޔާބު ކުރީ 2 ލަނޑު ސުން ލަނޑުން

ކޮންމެ މެޗަކުންވެސް މޮޅުވެވިދާނެކަމުގެ އުންމީދާއެކު މެޗުތަކަށް ކުރިމަތިލުން ވަރަށް މުހިންމު ކަމަށް އެމެރިކާ ޤައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ޕޮޗެޓީނޯ މިކަން ހާމަކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި އޮސްޓްރޭލިއާ އާއި ބައްދަލުކޮށް ދެ ލަނޑު ސުން ލަނޑުން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ސިއާޓްލްގައި ކުޅުނު މިމެޗު އެމެރިކާއިން ކާމިޔާބު ކުރުމާއެކު މިހާރު އެމެރިކާ ޓީމަށް މި ވަނީ 32 ޓީމުގެ ބުރުން ޖާގަ ލިބިފައެވެ. ޕޮޗެޓީނޯ ބުނީ އޭނާގެ ކުޅުންތެރިން މެޗަކުން މޮޅުވުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެހެން ކަމުން މެޗުން މޮޅުވާނެކަން އަމިއްލައަށް ގަބޫލްކޮށް އެ އުންމީދާއެކު މެޗުތަކާ ކުރިމަތިލުމުން އެކަން ހާސިލް ކުރުމުގައި އިތުރު ހިތްވަރެއް ލިބޭނެކަމަށެވެ. އޭނާ ވަނީ މެޗުން މޮޅުވުމަށް ބުރަކޮށް މަސައްކަތް ކޮށް ވޯލްޑް ކަޕްގައި ހުރިހާ ކުޅުންތެރިން އެކުގައި ކުޅުމުގެ ފުރުސަތު ލިބިފައިވުމުން އެކަމުގެ ހިތްހަމަ ޖެހުންވެސް ހާސިލް ކުރަން ޖެހޭނެކަންވެސް ހާމަކޮށްފައެވެ.

ޕޮޗެޓީނޯ ހާމަކުރިގޮތުގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި މޮޅަށް ކުޅެފައިވަނީ އެމެރިކާއިން ކަމަށާއި އޮސްޓްރޭލިއާއިން ކޮންމެ ޓީމެއް އެރުވި ނަމަވެސް މިމެޗުގެ ނަތީޖާއަށް ބަދަލު އަންނާނެ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. ޕޮޗެޓީނޯ ބުނީ މިމެޗުގައި ހައިޑްރޭޝަން ބްރޭކް ދިނުމަށް އޭނާ ތާއީދު ކަމަށެވެ. މިމެޗަކީ އެބްރޭކް ދޭން ޖެހޭނެ މެޗެއް ކަމަށެވެ. މިމެޗު ފަށާފައިވަނީ މެންދުރު 12 ޖެހި އިރު ކަމަށާއި ކަމުން ހޫނުގެ އިހްސާސް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރި ކަމަށް އެމެރިކާގެ ކޯޗު ހާމަކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އޮސްޓްރޭލިއާގެ ކޯޗު ޓޯނީ ޕޮޕޮވިޗް ބުނީ މެޗުގެ ނަތީޖާ އާއި މެދު އޭނާ ހައިރާން ނުވާ ކަމަށާއި އެމެރިކާގައި އޮތީ ފެންވަރު ރަނގަޅު ޓީމެއް ކަމަށެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ކުޅުންތެރިންނަށް އެމެރިކާގެ ހަމަލާތައް ދިފާއު ކުރުމުގައި އުނދަގޫ ތަކަކާއި ކުރިމަތިވި ކަމަށާއި އަދި ބައިކޮޅަށް ވަދެފައިވަނީ ވަރަށް އާދައިގެ ދެ ލަނޑު ކަމުން އެކަމާއި ދެރަވާ ކަމަށެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް އޮސްޓްރޭލިއާއަށް ދެއްކޭނެ ކަމަށާއި ނަމަވެސް މުޅި މެޗަށް ބަލާއިރު އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށް ޕޮޕޮވިޗް ހާމަކުރިއެވެ.

މިގްރޫޕްގައި އެމެރިކާއިން ކުޅޭ ފަހު މެޗުގައި ތުރުކީޔޭ އާއި ދެކޮޅަށް ނިކުންނައިރު އޮސްރޭލިއާއިން ފަހު މެޗުގައި ބައްދަލުކުރާނީ ޕެރަގުއާއީ އާއެވެ.