އެމެރިކާއާއެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ރުހުން ދެއްވީ އީރާންގެ މަޞްލަޙަތާއި ޙައްޤުތައް ޙިމާޔަތްކުރެވޭނެ ކަމުގައި ފުރިހަމަ ޔަގީންކަން ލިބުމުން ކަމުގައި އެ ޤައުމުގެ އިސް މުރުޝިދު އާޔަތުالله ސައްޔިދް މުޖްތަބާ ޙުސައިނީ ޚާމަނާޢީ ހާމަކުރައްވައިފިއެވެ. ލިޔުމުން ދެއްވި ތަޤުރީރެއްގައި ޤައުމާ މުޚާޠަބުކުރައްވައި ޚާމަނާޢީ ވިދާޅުވީ، އީރާނާއި އެމެރިކާގެ ރައީސުން ސޮއިކުރައްވާފައިވާ އިބުތިދާއީ އެއްބަސްވުމަށް ރުހުންދެއްވާފައި ވަނީ، ޔަހޫދީންނާ ދެކޮޅު ސަފުތަކުގެ މަޞްލަޙަތުތައް ފުރިހަމައަށް ޙިމާޔަތްކުރެވޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވުމުން ކަމުގައެވެ. ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އިބުތިދާއީ އެއްބަސްވުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި ރައީސް މަސްޢޫދު ޕީޒިޝްކިޔާން ސޮއިކުރައްވާފައި ވަނީ ޖޫން 17 ވަނަ ދުވަހުއެވެ.
އީރާންގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިސްވާރުގެ ހައިސިއްޔަތުން މި އެއްބަސްވުން ތަންފީޒުކޮށް، އީރާންގެ ރައްޔިތުންގެ މަޞްލަޙަތާއި ޙައްޤުތައް ޙިމާޔަތް ކުރެއްވުމުގެ ޒިންމާ ޕީޒިޝްކިޔާން އުފުއްލަވާނެ ކަމުގައި ޚާމަނާޢީ ވިދާޅުވިއެވެ. އަދި، އެމެރިކާގެ ފިއްތުންތަކަށް ބޯނުލަންބަވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ޕީޒިޝްކިޔާން ދެއްވާފައިވާ ކަމަށާއި، އެމެރިކާއާއެކު ސީދާ ގޮތުގައި ސުލްޙައިގެ މަޝްވަރާތައް ބޭއްވުމަކީ ދުޝްމަނުންގެ ކުރިމަތީގައި ބަލިކަށިވުމުގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމުގައި ވެސް ޚާމަނާޢީ ވިދާޅުވިއެވެ.
މި އެއްބަސްވުމަށް ފާޑުކިޔައި، ނުތަންވަސްކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޔަހޫދީ ސަރުކާރުގެ ވަޒީރުންނާއި ޞަހްޔޫނީންނަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވަނީ ހަރުކަށި ރައްދެއް ދެއްވާފައެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވޭންސް ވަނީ، މި އެއްބަސްވުމަކީ "ޙަޤީޤަތެއްގެ" ގޮތުގައި ބަލައިގަނެ، މި "ޙަޤީޤަތާ" ކުރިމަތިލުމަށް ޔަހޫދީ ސަރުކާރުގެ ހައްދުފަހަނަ އެޅި ވަޒީރުންނަށް ގޮވައިލައްވާފައެވެ. ޞަހްޔޫނީންނާ ގުޅިގެން ފެބުރުވަރީ 28 ގައި އެމެރިކާއިން ފެށި ހަނގުރާމަ މެދުކަނޑައިލާފައިވީ ނަމަވެސް، ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ސުލްޙައަށް ހުރަސްއެޅެމުންދާތީ ޓްރަމްޕް ވެސް ވަނީ ޔަހޫދީންނަށް ފާޑުވިދާޅުވެފައެވެ.
ވޭންސް ވިދާޅުވީ، ދުނިޔޭގެ ސުޕަރޕަވަރ ނުވަތަ އެންމެ ބާރުގަދަ ޤައުމުގެ ވެރިޔާގެ ގޮތުގައި ޓްރަމްޕަކީ މި ވަގުތު ޔަހޫދީންނަށް ހަމްދަރުދީވާ ހަމައެކަނި އިސްވާރު ކަމުގައެވެ. އަދި، ފާއިތުވި ތިން އަހަރު މުސްލިމުންގެ ބިންތަކަށް ޢުދުވާނީ ޙަމަލާދިނުމަށް ޔަހޫދީން ބޭނުންކޮށްފައިވާ ހަތިޔާރުގެ ތިންބައިކުޅަ ދެ ބަޔަކީ އެމެރިކާގެ ރައްޔިތުންގެ އަތުން ތައްޔާރުކޮށް، އެ މީހުންގެ ޓެކުސް ފައިސާއިން ޚަރަދުކޮށްގެން އުފައްދައި، ފޯރުކޮށްދީފައިވާ ހަތިޔާރުތަކެއް ކަން އޭނާ ހަނދުމަކޮށްދެއްވިއެވެ. ވޭންސް އެންމެ ބޮޑަށް ފާޑުވިދާޅުވެފައި ވަނީ ޔަހޫދީ ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ހައްދުފަހަނަ އެޅި ދެ ވަޒީރުން ކަމުގައިވާ އިތަމާރް ބެން-ގުވީރާއި ބިޓްޒަލްއެލް ސްމުތުރީޗަށެވެ. އަދި، އެންމެ ނުވަ މިލިޔަން މީހުންގެ އާބާދީއެއް އޮތް ޔަހޫދީ ދައުލަތަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއްގެ ޙައްލަކީ މީހުން މެރުން ކަމުގައި ނުހެދުމަށް ވެސް ވޭންސް ވަނީ ގޮވައިލައްވާފައެވެ.