ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުން ސަލާމަތްވީ ހާދިސާއިން އެނގެނީ، މާތް اللهއަށް އިތުބާރުކޮށް އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަންކަމަށާއި މާތްاللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަންއުޅޭ މީހުންނަށް މާތްالله ގަދަފަދަ ޢަޛާބުދެއްވައި ނެތިކުރައްވާނޭކަން ކަމުގައި މިއަދު ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މުޢުޟޫއަކީ "ޢާޝޫރާ ދުވަސް" އެވެ.
ހުކުރު ޚުޠުބާގައި ވަނީ މާތް اللهއަށް ބިރުވެތިވެ، އެކަލާނގެ މަތީން ހަނދުމަކުރުމަށް ހަނދާންކޮށްދީ، މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާންޖެހޭނޭ ދުވަހެއް އަންނާނޭކަން ދަނެ އެކަލާނގެއަށް ބިރުވެތިވެ ތަޤުވާވެރިވުމަށް ގޮވާލާފައެވެ.
ޢާޝޫރާ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެ ކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވި ދުވަހެވެ. ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަޤުކުރެއްވީ އެ ދުވަހުއެވެ. މޫސާގެފާނަށް ތަބާވީ މީހުން الله تَعَالَىއަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދުވަހު ރޯދަހިފިއެވެ.
ޢާޝޫރާ ދުވަސް ފަދަ ޙާދިސާތަކުގައި ގިނަގުނަވެގެންވާ ޢިބުރަތްތަކާއި ފިލާވަޅުތައް ލައްވައިފައިވަނީ މާތް اللهއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުޞީބާތްތަކުންނާއި އާފާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، މީސްތަކުންގެ އީމާންކަން ހަރުދަނާކުރެއްވުމަށްޓަކައި ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
"ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުން ސަލާމަތްވީ ހާދިސާއިން އެނގެނީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުންކަން. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަން." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ ޢާޝޫރާ ދުވަހު ރޯދަހިފުންވަނީ ސުންނަތެއްކަމުގައި ލައްވާފައިވަނީ. މޫސާގެފާނާއި އެ ކަލޭގެފާނަށް އީމާންވީ މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވިކަމަށް ޓަކައި ޝުކުރުވެރިވުމުގެ ގޮތުންކަމަށެވެ.
"ޢާޝޫރާދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއްވޭ. އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއް ދުވަސް ފަހުން ރޯދަ ހިފުން. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާގޮތް. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ ޢަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް، ހެޔޮ ޢަމަލުތަކުގެ މައްޗަށް މީސްތަކުން ތަރުބިޔަތުވެ، ޢަމަލީގޮތުން އޭގެ ތެރެއަށް ވަނުމަށް މާތް الله ހުޅުއްވައިދެއްވައިފައިވާ ދޮރެއް ކަމަށެވެ. އަހަރުގެ އެކި ހިސާބުގައި މި ފަދަ ތަފާތު ދުވަސްތައް އައުމުން ނަފުސު އެ ކަންކަމަށް ހޭނުވުމަށް ފުރުޞަތުލިބޭ ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވަނީ ޢާޝޫރާ ދުވަހުގެ މާތްކަމާ ބެހޭ ގޮތުން ޢިލްމުވެރީން ވިދާޅުވެފައިވަނީ ޢާޝޫރާ ދުވަހު އަޅުކަމުގެ ގޮތުން، އެ ދުވަހު ރޯދަހިފުން ނޫން އެހެން އަޅުކަމެއް އޮތްކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.