ވޯލްޑް ކަޕާއި ގުޅުވައިގެން ޕީއެސްއެމްއިން ބާއްވާ ކުޑަކުދިންގެ ހަވީރާއި، ޒުވާނުންނަށް ޚާއްސަ ފިއެސްޓާ މިއަދު އޮންނާނެއެވެ.
މި ހަރަކާތަކީ ވޯލްޑްކަޕްގެ ފޯރީގައި އާއްމުންނަށް ތަފާތު ގޮތަކަށް ބައިވެރިވުމަށް ރާވާ އިންތިޒާމް ކުރާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތްތަކެކެވެ.
"ވީއާ ޓުވެންޓީ ސިކްސް ފިއެސްޓާ" ފަށަނީ މި މަހުގެ 19ވާ ހުކުރު ދުވަހުގެ ރޭގަނޑެވެ. މި ފިއެސްޓާ ކުރިއަށްދާނީ ޓީވީއެމް ގޯތިތެރޭގައެވެ. ވޯލްޑްކަޕް ކުރިއަށް ދާ މުއްދަތުގައި، މި ފިއެސްޓާ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހިލޭ ވަދެވޭ ގޮތަށް ކުރިއަށްގެންދާ ފިއެސްޓާއަށް އަންނަ މީހުންގެ ރެޖިސްޓްރޭޝަން ފިއެސްޓާ ބާއްވާ ރޭތަކުގައި 08:30 އިން ފެށިގެން ކުރިއަށް ދާނެއެވެ. އަދި ރެޖިސްޓަރ ކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ ގިފްޓް ޕެކްތަކެއްވެސް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މި ފިއެސްޓާ ކުރިއަށް ދާނީ ރޭގަނޑު 20:30 އިން 23:30 އަށް ކަމަށްވާއިރު، ފުރަތަމަ ފިއެސްޓާ މިރޭ އޮންނާނެއެވެ.
ކަރޯކޭއާއި އާމްރެސްލިންގެ އިތުރުން ފުޓް ސްޓޯލްތައް ހިމެނޭ ގޮތަށް ކުރިއަށްދާ މި ފިއެސްޓާގައި "ޓްރޮޕިކްސް" ބޭންޑުން ޕަރފޯރމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ބޭންޑަކީ ރާއްޖޭގައި ލައިވް މިއުޒިކް ޕަރފޯމްކުރާ ބޭންޑްތަކުގެ ތެރެއިން އެންމެ މަޤްބޫލް ބޭންޑުތަކުގެ ތެރޭގައި ގުނާލެވޭ ހުނަރުވެރި ބޭންޑެކެވެ.
މީގެއިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދާއި މާދަމާ ހަވީރު 4 އިން 6 އަކަށްފެށިގެން ޓީވީއެމް ގޯތިތެރޭގައި ކުރިއަށްދާނެއެވެ. މި ހަވީރުގައި އެކި އުމުރުފުރާގެ ކުދިން ގަޔާވާނެ ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ޕީއެސްއެމްއިން ދަނީ ވޯލްޑްކަޕްއާ ގުޅިގެން އާއްމުންނަށް ހުޅުވާލައިގެން ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ ކާނިވަލްތަކެއް ބާއްވާފައިވެއެވެ. އެ ކާނިވަލްތައް ކުރިއަށް ދިޔައީ ކުޑަކުދިންގެ ގޭމްތަކާއި، ފުޑް ސްޓޯލްތައް ހިމެނޭގޮތަށެވެ