ހިމަބިހީގެ ކޭސްތައް ފެންނަ މިންވަރު ރާއްޖޭގައި މަދުވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި ނިމިދިޔަ ހަފްތާގައި ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ 13 ކޭސްއެވެ.
ހިމަބިހީގެ ފުރަތަމަ ކޭސް މާލެ ސަރަޙައްދުން ފެނިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން ބަލީގެ ފުރަތަމަ ކޭސްއާއެކުވެސް އެޗްޕީއޭއިން ޢަމަލުކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއެއްގޮތަށެވެ. އެހެންކަމުން މޮނީޓަރކުރުމާއި، ބަލި ޖެހިފައިވާ މީހުން ހޯދުމާއި، ވެކްސިން ދިނުމުގެ މަސައްކަތް ފެށިއެވެ. މެއި އަދި ޖޫން މަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ކޮންމެ ހަފްތާއެއްގައިވެސްވަނީ އިތުރުވެފައެވެ. އެހެންނަމަވެސް މިދިޔަ ޖުލައި މަހުގެ މެދާހިސާބުން ބަލި ޖެހޭ މީހުންގެ ނިސްބަތްވަނީ މަދުވާން ފަށާފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން ބަލި ޖެހިފައިވަނީ 13 މީހަކަށެވެ. މިއާއެކު މިއަހަރު ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ ޢަދަދުވަނީ 199 އަށް އަރާފައެވެ. ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވެކްސިން ދެމުންދާއިރު މިހާތަނަށް 12971 މީހަކަށްވަނީ ވެކްސިން ދީފައެވެ.
ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ#measles pic.twitter.com/bc7ZqMq6uB
— Health Protection Agency (@HPA_MV) August 4, 2026
ހިމަބިއްސަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށާއި، ހުމާއި ރޯގާގެ ޢަލާމަތްތައް ހުރިނަމަ އެކަހެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. މީގެއިތުރުން ހުމާއި ރޯގާގެ ޢަލާމާތްތަކާއެކު، ގައިގައި ހިމަ ރަތްކުލައިގެ ބިހިތަކެއް ނަގާނަމަ ވީހަވެސް އަވަހަށް ސިއްޙީ ފަރުވާ ހޯދުމަކީ މުހިއްމުކަމެކެވެ. އަދި އެފަދަ ފަރާތްތަކުން ސިއްޙީ ފަރުވާ ހޯދުމަށްދާއިރު މާސްކު ބޭނުންކުރުމަށްވަނީ އިރުޝާދު ދެއްވާފައެވެ.
މިދުވަސްވަރު ޗުއްޓީއަށްފަހު މާލެއިން އަތޮޅުތަކުގެ ރަށްރަށަށް ދަތުރުކުރުމުގައިވެސް ސަމާލުވުމަކީ މުހިއްމުކަމެކެވެ. އެނބުރި ރަށަށް ދިޔުމަށްފަހު ހުމާއި ރޯގާގެއް އެއްވެސް ޢަލާމާތެއް ހުރިނަމަ މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ފަރުދީގޮތުން ކުރަންޖެހޭ ކަމެކެވެ. އަދި ސްކޫލް ކުދިންވެސް ހުމާއި ރޯގާގެ ޢަލާމާތްތައް ހުރިނަމަ ސްކޫލަށް ނުފޮނުވުމަކީ ރައްކާތެރިކަމަށްޓަކައި މިދުވަސްވަރު ކޮންމެހެން ކުރަންޖެހޭކަމެކެވެ.