މެދުއިރުމަތީގެ ހަނގުރާމަ ދާއިމީ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސޮއިކުރާނެ ކަމަށް ކުރިން ބެލެވިފައި އޮތީ ޖޫން މަހުގެ 19ވަނަ ދުވަހު ސްވިޒަލެންޑުގައެވެ. ނަމަވެސް އެއްބަސްވުމުގައި ޖޫން މަހުގެ 17ވަނަ ދުވަހު، ވަނީ ސޮއިކޮށްފައެވެ.
އީރާނާއެކު ޤާއިމްކޮށްފައިވާ ފަހުމުނާމާގައި 14 ނުކުތާއެއް ހިމެނޭއިރު، ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން އެ ފަހުމުނާމާއާ ގުޅޭގޮތުން ރަސްމީ ބަޔާނެއް މިހާތަނަށް ނެރެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން ވަނީ ފަހުމުނާމާގައި ލިޔެފައިވާ ނުކުތާތައް ނޫސްވެރިންނާ ޙިއްޞާކޮށްފައެވެ. އެމެރިކާއިން ދީފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަން މިހާތަނަށް އީރާނުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާގެ ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައި ވަނީ ވަގުތުންވަގުތަށް އަދި ދާއިމީ ގޮތަކަށް، ލުބުނާނު ހިމެނޭ ގޮތަށް ހުރިހާ ސަރަޙައްދެއްގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލަން ޖެހޭނެ ކަމަށެވެ. ދެ ފަރާތުން ވެސް ލުބުނާނުގެ މިނިވަންކަމާއި އިސްތިޤުލާލަށް އިޙްތިރާމް ކުރަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
ނަަމަވެސް ޔަހޫދީން ދެމުންދާ ޙަމަލާތައް ހުއްޓައިލުމާ ގުޅޭގޮތުން ފަހުމުނާމާގައި އެއްވެސް ވަރަކަށް ވާހަކަދައްކާފައެއް ނުވެއެވެ. ޔަހޫދީން ވަނީ ލުބުނާނުގެ ފަސްބައި ކުޅަ އެއްބައި އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން ލުބުނާނަށް ޔަހޫދީން ޙަމަލާތައް ދެއެވެ. ޔަހޫދީން ވަނީ ލުބުނާނުގެ ސަލާމަތީ ޒޯންތަކުން ޔަހޫދީ ސިފައިން ނުބާލާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމް ކުރުމުގެ އެންމެ މުހިންމު ޝަރުތުތަކުގެ ތެރޭގައި ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުން ހިމެނެންޖެހޭ ކަމަށް އީރާނުން ބުނަމުން ދިޔަ ނަމަވެސް އެ ކަން ތަންފީޛު ކުރެވޭނެ އިންތިޒާމެއް ފަހުމުނާމާގައި ބަޔާންކޮށްފައެއް ނުވެއެވެ.
ފަހުމުނާމާގައި ބަޔާންކޮށްފައިވާ ގޮތުގައި ދެ ޤައުމުން ވެސް ދެ ޤައުމުގެ އިސްތިޤުލާލަށް އިޙްތިރާމްކޮށް، ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުން ދުރުހެލިވާން ޖެހެއެވެ. ބެލެވޭ ގޮތުގައި މި ނުކުތާއިން ދޭހަކޮށްދެނީ އީރާނުގެ ސަރުކާރު ބަދަލުކުރުމަށް އެމެރިކާއިން ކުރަމުންދިޔަ މަސައްކަތްތައް ނިމުމަކަށް ގެންނަންވާމެ ކަމެވެ. ފާއިތުވި ހަފްތާތަކުގައި ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ސަރުކާރު ބަދަލުކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކާ ދުރުވެވަޑައިގަންނަން ފައްޓަވައިފައެވެ. މި ހަފްތާގެ ތެރޭގައި ފަރަންސޭސިވިލާތުގައި ކުރިއަށްދިޔަ ޖީ7 ސަމިޓުގައި ވެސް ޓްރަމްޕް ވަނީ އީރާނުގެ ސަރުކާރު ބަދަލުކުރުމަށް އެއްވެސް އިރެއްގައި އެ މަނިކުފާނު މާ ބޮޑަށް އަހައްމިއްޔަތު ކަން ނުދެއްވާ ކަމަށް ވިދާޅުވެފައެވެ.
ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ކުރަމުންދިޔަ މަސައްކަތަށް ދިމާވި އެންމެ ބޮޑު އެއް ހުރަހަކީ ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި ވިޔަފާރި މަގެއް ކަމަށްވާ ހުރްމުޒް ކަނޑޮއޮޅީގެ މައްސަލައެވެ. އެ މައްސަލައާ ގުޅޭގޮތުން ފަހުމުނާމާގައި ބުނެފައި ވަނީ އެމެރިކާއިން އީރާނުގެ އުޅަނދުފަހަރަށް ހުރަސްއަޅަމުން ދިޔަ ދިޔުން ނިމުމަކަށް ގެނައުމުގެ މަސައްކަތް އެ ޤައުމުން ފަށާނެ ކަމަށެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލާނެއެވެ. ރަސްމީ އެއްބަސްވުމަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ އެމެރިކާގެ ސިފައިން އަނބުރާ ގެންދާނެ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.
އީރާނުން ވަނީ އެއްބަސްވުމަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ މުއްދަތަށް، އިތުރު އަގެއް ނެގުމަލާ ނުލައި ވިޔަފާރި އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސް ކުރެވޭނެ ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުރްމުޒް ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުމަށް ޢުމާންއާއެކު މަސައްަކަތް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ފަހުމުނާމާގެ އަށްވަނަ ނުކުތާގައި އީރާނުން ވަނީ އެ ޤައުމުން ނިއުކްލިޔަރ ހަތިޔާރު ހޯދުމަށް މަސައްކަތް ނުކުރާ ކަމުގެ އަދި ނުކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ. އެމެރިކާއާއި އީރާނާ ދެ ޤައުމުން ވެސް ވަނީ އީރާނުން މިހާރު މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއާ މެދު ޢަމަލުކުރާނެ ގޮތެއް ނިންމާނީ ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަމަށް ބުނެފައެވެ. އީރާނުގެ ޔުރޭނިއަމް ސްޓޮކު އެ ޤައުމުން ބޭރަށް ނުގެންގޮސް، ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއޭއީއޭގެ ބައިވެރިވުމާއެކު އެ ޔުރޭނިއަމްގެ ބާރުގަދަކަން ދަށް ކުރުމަށް ވެސް ފަހުމުނާމާގައި ހުށަހަޅާފައިވެއެވެ. މިދިޔަ ފެބްރުއަރީ މަހު އީރާނާއި އެމެރިކާއާ ދެމެދު ކުރި ނުސީދާ މަޝްވަރާތަކުގައި ވެސް އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ސާފުމިން 60 އިންސައްތައިން 3.67 އިންސައްތައަށް ދަށް ކުރުމަށް އީރާނުން ހުށަހަޅާފައިވެއެވެ.
ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު އީރާނަށް ދިނުމާ ގުޅޭގޮތުން ފަހުމުނާމާގައި ސީދާ އެއްޗެއް ބުނެފައި ނުވި ނަމަވެސް ސަރަޙައްދީ ބައިވެރިންނާ ގުޅިގެން އިރާން އާރާސްރުކުރުމަށާއި އެ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް 300 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ހުށަހަޅާފައިވެއެވެ. ނަމަވެސް އެ ފައިސާ ޚަރަދުކުރަނީ ކޮންބައެއް ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ގަލްފުގެ ޤައުމުތަކުން ފަރާތުން އެ ކަމަށް ފައިސާ ހޯއްދަވާނެ ކަމަށާއި ރައްޔިތުންގެ ޓެކްސް ފައިސާއިން އެ ކަމަށް ޚަރަދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އީރާނަކީ އެ ޤައުމަަކާ ދެކޮޅަށް އެންމެ ގިނަ ފިޔަވަޅުތައް އަޅާފައިވާ ޤައުމެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ފަހުމުނާމާގައި ބުނީ ރަސްމީ އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން އެއްބަސްވާ ތާވަލާ އެއްގޮތަށް، އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލާނެ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން އދން އަޅާފައިވާ ފިޔަވަޅުތައް ހިމެނޭކަން ނުވަތަ ނޫން ކަން ސާފެއް ނުވެއެވެ. އީރާނުގެ އެތައް ބިލިޔަން ޑޮލަރެއް ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާއިރު، ޤައުމު އަލުން އާރާސްތުކުރުމަށް އެ ފައިސާ ބޭނުންވާ ކަމަށް އީރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގެ ދަށުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމުން، ނުވިއްކި ތާށިވެފައިވާ އެތައް މިލިޔަން ފީފާގެ ތެޔޮ ދުނިޔޭގެ ބާޒާރުގައި ލިބެން ހުންނާނެއެވެ. އެއާއެކު މެދުއިރުމަތީގައި އުފައްދާ ސާފުނުކުރާ ތެޔޮ ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާނެއެވެ. އެނަލިސްޓުން ޤަބޫލުކުރާ ގޮތުގައި ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމުގައި ލުއިތައް ދީފި ނަމަ އީރާން ނޫން މެދުއިރުމަތީގެ އެހެން ޤައުމުތަކުން އުފައްދާފައިވާ ތެލުގެ ގާތްގަނޑަކަށް 93 މިލިޔަން ފީފާގެ ސާފުނުކުރާ ތެލާއި އީރާނުން އުފައްދާފައިވާ ތެލުގެ 72 މިލިޔަން ފީފާ ބާޒާރަށް ނެރެވޭނެއެވެ. އެއާއެކު ތެލުގެ އަގުތައް ވެސް ދަށަށް ދާން ފަށާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެންމެ ގިނަ ޢަދަދަކަށް ގަލްފުގެ ތެޔޮ ގަންނަ ސަރަޙައްދު ކަމަށްވާ އޭޝިޔާއިން ތެޔޮ ގަންނަ މިންވަރު ދުވަސްކޮޅަކަށް ދަށުގައި ހުރުން އެކަށީގެންވާ ކަމަށް ވެސް އެނަލިސްޓުން ފާހަގަކުރެއެވެ.