ރާއްޖެއިން ބޭރަށް ކިޔަވަންދާން ބެނުންވާ ދިވެހި ދަރިވަރުންނަށް އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށް ސްޓަޑީ ފެއައެއް ފަށައިފިއެވެ. މިއީ މައި "ކިއު ސްޓަޑީ"އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފެއަރއެކެވެ.
މި ފެއަރ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދާ މާދަމާ، ހަވީރު 5 އިން 10އަށް ބާސެލޯ ނަސަންދުރާގައެވެ. މީގެ އިތުުރުން ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައިވެސް އިރުއޮއްސި 6 އިން 10 ކުރިއަށްދާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މައި ކިއު ސްޓަޑީގެ ރީޖަނަލް މެނޭޖަރ މަރިޔަމް ޝައުފާ ވިދާޅުވީ އެ ފެއަރގައި އެކި ޤައުމުތަކުގެ އަމިއްލަ އަދި ސަރުކާރުގެ ޔުނިވަރސިޓީތަކުގައި ހުރި ފުރުޞަތުތައް ހިއްސާކުރާނެކަމަށެވެ. އެގޮތުން މެލޭޝިޔާއާއި އެމެރިކާއި ޗައިނާއާއި އިންޑިއާގެ އިތުރުން އިންޑޮނޭޝިއާގެ ޔުނިވަރސިޓީތައް ހިމެނޭކަމަަށް އޭނާ ވިދާޅުވިއެވެ.
މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު އޮޅުން ފިލުވުމުގެ އިތުރުން ވަގުތުން ކޯހަށް ވަނުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ވިސާ ވޭވާ، ކޭޝް ބެކް ފަދަ ވައުޗަރުތައްވެސް ޔުނިވަރސިޓީތަލުން ދެމުންދާނެ. ފައުންޑޭޝަން ލެވެލްއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށްވެސް މި ފެއަރ އާދެވޭނެ" މައިކިއު ސްޓަޑީގެ ރީޖަނަލް މެނޭޖަރ މަރިޔަމް ޝައުފާ ވިދާޅުވިއެވެ.
ޝައުފާ ވިދާޅުވީ މިފަހަރުގެ ފެއަރގައި 330 އަށްވުރެ ގިނަ ޔުނިވަރިސިޓީތަކުން ބައިވެރިވާކަމަށެވެ. އަދި މިއީ 2019ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިރު އެންމެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވާ އަހަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝައުފާ ވިދާޅުވީ ކޮންމެ ފަހަރަކުވެސް ބާއްވާ ފެއަތަކަށް އޮންނަ ތަރުހީބު އަހަރުން އަހަރަށް އިތުރުވަމުންދާކަމަށެވެ. މިއާއެކު އެކި ޤައުމުތަކަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންގެ އަދަދު އިތުރުވާކަން ފާހަގަކުރެވޭކަމަށާއި ޚާއްސަކޮށް އެކި އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ދަރިވަރުން އެ މަޢުލޫމާތުތައް ހޯދުމަށް ޝައުގުވެރިކަމާކަން ޝައުފާ ފާހަގަކުރެއްވިއެވެ.