ޚަބަރު

ފީފާ ވޯލްޑް ކަޕް 2026: ސްވިޒަލޭންޑް – ބޮސްނިއާ


  • ސްޓޭޑިއަމް: ލޮސް އޭންޖެލީޒް ސްޓޭޑިއަމް

  • މެޗު ފަށާ ގަޑި: 00:00

ފީފާ ވޯލްޑްކަޕްގެ ދެވަނަ މެޗަށް މިރޭ ސްވިޒަލޭންޑް އާއި ބޮސްނިއާ ނިކުންނައިރު މުބާރާތުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗު ވަނީ އެއްވަރުވެފަ އެވެ.

ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވުމާއިއެކު މިރޭގެ މެޗުން ކޮންމެ ޓީމެއް މޮޅުވިނަމަވެސް އެ ޓީމަކަށް މުބާރާތުގެ ނޮކްއައުޓް ބުރުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ. ފީފާ ވޯލްޑްކަޕްގައި ސްވިޒަލޭންޑް އިން ވަނީ އެންމެ ފަހުން ވާދަކުރި ތިން ފަހަރުވެސް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ނޮކްއައުޓް ބުރުގެ ޖާގައެއް ހޯދާފަ އެވެ.

އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗަށް ބޮސްނިއާ ނިކުންނާނީ ފުރަތަމަ ފަހަރަށް ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ މުބާރާތުގެ ނޮކްއައުޓް ބުރުން ފުރުސަތު ހޯދުމުގެ ނިޔަތުގަ އެވެ. މީގެ ކުރިން އެ ގައުމުން ފީފާ ވޯލްޑްކަޕްގައި ވާދަކުރި ހަމައެކަނި ފަހަރު ކަމުގައިވާ 2014 ވަނަ އަހަރު އެ ޓީމަށް ޖެހުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިގެން އެނބުރި ގައުމަށް ދިއުމަށެވެ.

ފީފާ ވޯލްޑްކްޕްގައި ފުރަތަމަ ފަހަރަށް މި ގައުމު ބައްދަލުކުރާއިރު މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ބަލާ އެކަމަށް ތައްޔާރުވާނެކަމަށް ދެ ޓީމުގެ ކޯޗުންވެސް ވަނީ ބުނެފަ އެވެ. އެގޮތުން ސްވިޒަލޭންޑްގެ ކޯޗު މުރާތް ޔަކީން ބުނެފައިވަނީ މި މެޗަށް އެ ޓީމުން ނިކުންނާނީ އިދިކޮޅު ޓީމަށް ޕްރެޝަރ ބޮޑުކޮށް ގިނަ ލަނޑުތަކެއް ޖެހުމުގެ ވިސްނުމުގައި އެޓޭކިން އަވަސް ގޭމެއް ކުޅުމަށް ކަމަށެވެ.

ބޮސްނިއާގެ ކޯޗު ސަރަޔޭ ބަބަރޭޒް ބުނެފައިވަނީ ފުޓްބޯޅައިގައި ޕްރެޝަރ އަކީ ވަޒީފާގެ ބައެއް ކަމަށާއި ވަކިން ހާއްސަކޮށް މިފަދަ މަތީ ފަންތީގެ މުބާރާތްތަކުގައި އެކަން އިތުރަށް ބޮޑުވާނެ ކަމަށެވެ. އަދި ބޮސްނިއާއަށްވުރެ ހުރިހާ ގޮތަކުންވެސް ސްވިޒަލޭންޑަކީ މޮޅު ޓީމެއް ކަމަށާއި އެހެންކަމުން އެ މީހުންނަށް އޮތް ޕްރެޝަރވެސް ބޮޑުވާނެ ކަމަށެވެ.

ނަމަވެސް މިރޭގެ މެޗުގައި ސްވިޒަލޭންޑާއި ދެކޮޅަށް ނިކުންނާނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދައިގެން މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދުމަށް ކަމަށްވެސް ބަބަރޭޒް ވަނީ ބުނެފަ އެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ ކެނެޑާ އާޢި ދެކޮޅަށް ބޮސްނިއާ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގައި ގަތަރުން ވަނީ ސްވިޒަލޭންޑް ކޮޅަށް ލަނޑެއް ޖަހާ 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށްފަ އެވެ.

ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ސްވިޒަލޭންޑް އިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ތިން މެޗު އެއްވަރުވެފައިވާއިރު އެއް މެޗުން ވަނީ ބަލިވެފަ އެވެ. ބޮސްނިއާ އިން ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ތިން މެޗު ވަނީ އެއްވަރުވެފަ އެވެ.