އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އިބުތިދާއީ އެއްބަސްވުުގައި ސޮއިކުރެއްވުމަށްފަހު، ތެހްރާނުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ އަލުން ޢުދުވާންތައް ފަށްޓަވާނެ ކަމުގައި ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އިންޒާރުދެއްވައިފިއެވެ. ޖޫން 17 ވަނަ ދުވަހު ޢާންމުކުރި 14 ނުކުތާގެ މައްޗަށް އެކުލެވިގެންވާ އެއްބަސްވުމުގެ ދަށުން، އެޕްރީލު މަހު އިޢުލާނު ކުރި ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ މުއްދަތު، ލުބްނާނު ހިމެނޭ ގޮތުގައި އިތުރު 60 ދުވަހަށް ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ. ޑިޖިޓަލްކޮށް ޓްރަމްޕާއި އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ސޮއިކުރައްވާފައިވާ މި އެއްބަސްވުމަށް ޖޫން 17 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމުގައި އީރާނުގެ ޚާާރިޖީ ވުޒާރާއިން ބުނެއެވެ.
ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމުގެ (ޖީ7) ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަރަންސޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓްރަމްޕް ވިދާޅުވީ، އީރާނުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ "އަލުން ބޮންއަޅަން ފަށާނެ" ކަމުގައެވެ. އަދި، އީރާނުގެ ބެލިސްޓިކް މިސައިލްތައް ނައްތައިލައްވާނެ ކަމުގައި ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދަވަމުން، އެހެން ޤައުމުތަކެކޭ އެއްފަދައިން ތެހްރާނަށް ވެސް އެ ފަދަ މިސައިލް ގެންގުޅުމުގެ ޙައްޤު އޮންނަންޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ޓްރަމްޕްގެ އައު އިންޒާރުތަކަށް ރައްދުދިނުމެއް ނެތި އީރާނުން ދަނީ ވޮޝިންގޓަނާއެކު ސޮއިކުރެވުނު އެއްބަސްވުމަކީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ. މިއީ، 1979 ގެ އިސްލާމީ އިންޤިލާބަށް ފަހު ދެ ޤައުމުގެ ރައީސުން ސޮއިކުރެއްވި ފުރަތަމަ އެއްބަސްވުމެވެ.
އީރާންގެ އިސް އޮފިޝަލުން ވިދާޅުވީ، ޢުދުވާނީ ޙަމަލާތަކުން ހާސިލުނުކުރެވުނު އެތައް ކަމެއް، މަޝްވަރާކޮށްގެން ހާސިލުކުރެވިފައިވާ ކަމުގައެވެ. މީގެ ތެރޭގައި، ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމާއި، ހުރްމުޒް ކަނޑުއޮޅިން ފީއަކާ ނުލައި ދަތުރުފަތުރު ފެށުމާއި، އެމެރިކާގެ ޙިޞާރު އުވައިލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމުގެ އިތުރުން އީރާނު އަލުން އާރާސްތުކުރުމަށް 300 ބިލިޔަން ޑޮލަރުގެ ފަންޑެއް ހެދުން ހިމެނެއެވެ. މި އެއްބަސްވުމާ އެކު ތެލުގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ.
ފެބުރުއަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާނުގެ އިސް މުރްޝިދު އަވަހާރަކޮށްލި ނަމަވެސް، ހަނގުރާމައިގައި އެމެރިކާ ބޭނުންވި މަޤްޞަދުތައް ޙާޞިލެއް ނުވިއެވެ. އީރާނުގެ ސަރުކާރު އެ ގޮތުގައި ދެމިއޮތްއިރު، ޔުރޭނިޔަމް ރިޒާވު ޤައުމުން ބޭރުކުރަން އެމެރިކާ އެދުނު އެދުމަށް އީރާނުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ޞަހްޔޫނީންނާ ދެކޮޅު ލުބްނާނުގެ ޙިޒްބުالله ޖަމާޢަތަށް ދޭ އެހީތެރިކަން ވެސް އީރާނުން ހުއްޓައިލާފައެއް ނެތެވެ. ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އެކުލަވައިލާފައިވާ އެއްބަސްވުމާ މެދު ޔަހޫދީ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ދެކޮޅުހަދާފައިވާއިރު، ޔަހޫދީ ފައުޖުން ދަނީ ލުބްނާނަށް އަދިވެސް ޙަމަލާދެމުންނެވެ.